ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫން 27 ވަނަ ދުވަހު ލ. ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ބުލެޓު، ރަބަރު ކޮތަޅެއް އަދި 232 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންކަމަށެވެެ.

އަދި މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު 18 އަހަރުގެ މީހާ ވަނީ ދޫކޮށްލާފައިވާ ކަމަށާއި އަދި 21 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާ 10 ދުވަހަށް އަދި 35 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.