ފައިތުވެގެންދިޔަ އޭޕްރީލް މަހުން ފެށިގެން ތުރުކީ އިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކާޑުގެ ބާވަތްތައް ލިބެމުން އަންނަކަމަށް ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

ތުރުކީން ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމަށް ހަމަޖައްސައިފާ މިވަނީ، ކާޑުގެ ބާވަތްތަކަށް ވަކި ގައުމަކަށް ބަރޯސާނުވުމުގެ ގޮތުން ރައީސުލްޖުމަހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މިއެއްބަސްވުމަށް ފަހު، ތުރުކީން ގެންނަ ކާޑުގެ ބާވަތްތައް ކޮބައިތޯ ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިގޮތުން، ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެންމެ ދިމާލަކަށް ބަރޯސާނުވާން ތުރުކީން ގެންނަ ބާވަތްތައް މިހާރު އަތުވެއްޖެތޯ ބުނެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން، ތުރުކީން ރާއްޖެ އަށް ގެނައުމަށް ހަމަޖެހިފައިވާ ކާޑު އޭޕްރިލް މަހުގެ 20 ވަނަ ދުވަހު މާލެއަށް އައިސްފައިވާ ކަމަށް އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހް ވަނީ ވިދާޅުވެފައެވެ. ތުރުކީން ރާއްޖެއަށް ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް ދެމަހެއް ކުރިން ރާއްޖެ ގެނެސް ވިކިފައިވާ ކަމަށްވެސް ޝާހް ވިދާޅުވިއެވެ. އަދި އެ ޝިޕްމެންޓްގައި 20،008 ފުށް ބަސަތާ ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މިހާރު ވެސް މިފަދަ ޝިޕްމަންޓުތަކަށް އޯޑަރު ޖަހާފައިވާ ކަމަށާއި ކާޑުގެ ބާވަތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ކައިރި އެހެން ގައުމުތަކުން ގެނައުމަކީ އެކި ގައުމުތަކުން ކުރާ ކަމެއްކަމަށެވެ.