އިރާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށްއޮތް ޖުލައި މަހު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ އީރާނުގައި ވޯޓުލާން ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ މަދު އަދެއްގެ މީހުން ބައިވެރިވި އިންތިޚާބެވެ.
އިޞްލާޙީ ކެންޑިޑޭޓު މަސްއޫދު ޕެޒެޝްކިއަން އާއި ކެންޑިޑޭޓު ސައީދު ޖަލީލީ ވާދަވެރިކަމާއެކު އެންމެ ގިނަ ވޯޓު ހޯދި ނަމަވެސް، ދެ ކެންޑިޑޭޓުން ކުރެ އެކަކަށްވެސް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 61 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ވޯޓޫލީ މީގެ ތެރެއިން އެންމެ 40 އިންސައްތަ މީހުންނެވެ. މިއީ 1979 ގައި އިރާނުގެ އިންޤިލާބަށްފަހު އެންމެ މަދުން ވޯޓުލި އިންތިޚާބެވެ.
އިންޓީރިއަރ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕެޒެޝްކިއަންއަށް 10.41 މިލިއަނަށްވުރެ ގިނަ ވޯޓު ލިބިފައިވާއިރު، ޖަލީލީއަށް 9.47 މިލިއަން ވޯޓު ލިބިފައިވެއެވެ. މިއީ 1979 އިން ފެށިގެން އިރާނުގެ ރިޔާސީ އިންތިޚާބެއްގައި ދެވަނަ ބުރެއް ބާއްވަންޖެހުނު ދެވަނަ ފަހަރެވެ. ކޮންޒަވެޓިވް ސްޕީކަރު މުޙައްމަދު ބާޤިރު ޤާލިބާފް އާއި އިސްލާމީ ލީޑަރު މުޞްޠަފާ ޕޫރުމުޙައްމަދީ އާއި އެހެން ކެންޑިޑޭޓުންވެސް ވަނީ އިންތިޚާބުން ވަކިވެފައެވެ.
މި އިންތިޚާބު ބޭއްވުނީ އީރާނުގެ ކުރީގެ ރައީސް އިބްރާހީމް ރައީސީ އާއި އިތުރު ބޭފުޅުންތަކާއެކު ހެލިކޮޕްޓަރު ވެއްޓުމުގެ ހިތާމަވެރި ހާދިސާގައި އެމަނިކުފާނު ނިޔާވުމާ ގުޅިގެން، އީރާނުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ 50 ދުވަހުގެ މުއްދަތުގެ ތެރޭގައި ކުއްލި އިންތިޚާބެއް ބޭއްވުމަށްފަހުގައެވެ.
މަދު މީހުން ވޯޓުލާން ދިޔުމުން ދައްކުވައިދެނީ ވޯޓުލުމާމެދު ގިނަ ބައެއްގެ ޝައުޤުވެރިކަން ކުޑަވެފައިވާކަމެވެ. މިއީ ފަހަކަށްއައިސް ހިނގި މުޒާހަރާތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، 40 އިންސައްތައަށްވުރެ މަތީގައި އިންފްލޭޝަންގެ ސަބަބުން ރައްޔިތުންގެ އުންމީދުތައް ގެއްލިފައިވާތީ ކަމަށް ބެލެވެއެވެ.
ޚދެވަނަ ބުރުގައި މި އަދަދަށް ވުރެ ގިނަ މީހުން ވޯޓުލާނެކަމަށް ބެލެވޭކަމަށް އެނަލިސްޓުން އަންނަނީ ބުނަމުންނެވެ. އެއީ ޕެޒެޝްކިއަންގެ މެދުމިނުގެ ސިޔާސަތާއި ޖަލީލީގެ ހަރުކަށި ސިޔާސަތާ ދެމެދު ސާފު ޚިޔާރެއް އޮތުމުގެ ސަބަބުން ކަމަށް ބުނެއެވެ. ޕެޒެޝްކިއަން ވަނީ 2015 ގެ ނިއުކްލިއަރ އެއްބަސްވުން އަލުން އާލާކުރުމަށާއި އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމަށް ވައުދުވެފައެވެ. އަނެއްކޮޅުން ޖަލީލީ ވަނީ ހުޅަނގާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ގޮވާލާފައެވެ. އަދި ބޮޑެތި އިޤްތިޞާދީ އިޞްލާޙުތަކެއް ގެންނަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
ދެވަނަ ބުރުން ނިންމާނީ ސިޔާސީ ގޮތުން ހަލަބޮލިވެފައިވާ އަދި އިޤްތިޞާދީ ގޮތުން ނުތަނަވަސްކަން އޮތް މާޙައުލެއްގައި އިރާނުގެ ދެން އޮންނާނެ ރައީސަކީ ކާކުކަމެވެ.