ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އާރުޑީސީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ކަން ހާމަ ކުރައްވާ އެ ވުޒާރާއިން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެގޮތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް އަހުމަދު އާތީފެވެ. އަދި އާރްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ.

މި ފަހުމުނާމާގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ވަޒީފާއަށް އަހުލުވެރި ކުރުވުމާ އަދި ދިވެހި މުޖުތަމައުގައި މަސައްކަތްތެރި ޖީލެއް ބިނާކުރުން ކަމުގައިވެސް ވުޒާރާއިން ވިދާޅުވިއެވެ.

މީގެއިތުރުން މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައިވަނީ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބަލަހައްޓަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ ވަޒީފާގެ ފުރުސަތު ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށް ކަމަށްވެސް އެ ވުޒާއާއިން ވިދާޅުވެފައިވެއެވެ.

މި ޕްރޮގްރާމް، ހިންގުމަށް ނިންމާފައިވަނީ، 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.