މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ މިއަދު ދޫކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް މަސްވެރިން ކިރުވި މަހަށް ދައްކަންޖެހޭ ފައިސާ ދައްކާނީ އެކުންފުންޏާއި ސަރުކާރާއި ގުޅިގެން ކަމަށެވެ. އަދި އެ ފައިސާ ޖުލައި މަހު 1 ގައި ދޭނެކަމަށެވެ.

އިކުންފުނިން އިތުރަށް ބުނީ، މަސްވެރިންގެ އަތުން ގަންނަ މަސް ޕްރޮސެސްކޮށް، ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުމަށްދާ ހަރަދަށް ވުރެ، މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާ ބޮޑު ތަނުން އިތުރު ކަމަށާއި މަސްވެރިންނަށް ފައިސާ ދިނުން ބައެއް ފަހަރު ލަސްވަނީ އެ ސަބަބާ ގުޅިގެން ކަމަށެވެ. އަދި ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށްވެސް އެކުންފުނިން ބުންޔެވެ،

މިފްކޯއިން ބުނީ މިމައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް، މިއަދުން ފެށިގެން ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބެލުމަށްފަހު ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައި މަސް ގަތުމަށް ނިންމާފައިވާކަމަށެވެ.

މިއަދު ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވޭނެކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ، އަދި މިފްކޯއިން ވެސް އެ ކުންފުނީގެ އާމްދަނީން މިއަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް އިތުރު 389 ރުފިޔާ ދީފައިވާނެ ކަމަށްވެސް ބުންޏެވެ. އަދި ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު މަސް ދޯނިފަހަރަށް ދޫކޮށްފައިކަމަށް އެ ކުންފުނިން ބުނެއެވެ.

ކުންފިނީގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.