ދައުލަތުން ކުރާ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ސްޕޯޓްސް އެވޯޑްސް ހަފުލާ ބާއްވާ ތާރީޚު ފަސްކުރަން ނިންމައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ފެށޭ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ޙަފްލާ ފަސްކޮށްފައިވާ ކަމަށެވެ. އަދި ޙަފްލާ މިއަހަރު ފަހު ކޮޅު ބޭއްވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް ވަކި ތާރީޚެއް ހަމާކޮއްފައެއް ނުވެއެވެ.

އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޙަފްލާ ބޭއްވުމުގެ ތައްޔާރީތައް ވަމުންދިޔަ ނަމަވެސް، ޙަފްލާ މިވަގުތަށް ފަސްކުރަން ނިންމީ ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ.

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ރައީސް މުޢިއްޒު ދަނީ އެކިއެކި ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމާއި ހިމެނެއެވެ. މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑު ހަފުލާއަށް 4.5 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ.