މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް، މައިގަނޑު 10 ދާއިރާއަކުން ޚަރަދު ކުޑަކުރަން ނިންމައިފިއެވެ.

އެމްއޭސީއެލް ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ މުވައްޒަފުންގެ ވަޒީފާ ގެއްލުމެއް ނުވަތަ މުސާރަ ކުޑަކުރުމެއް މީގެ ތެރޭގައި ނުހިމެނޭނެކަމަށެވެ. އަދި ކުންފުންޏަށް މުވައްޒަފުންގެ މުހިންމުކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޚަރަދު ކުޑަކުރުމަށް އަމާޒުކޮށްފައިވާ 10 ދާއިރާގެ ތެރޭގައި ހިމެނެނީ ތެލުގެ ޚަރަދު، ކޮންސިއުމަބަލްސްގެ ޚަރަދު، ފެނާއި ކަރަންޓުގެ ޚަރަދު، ދަތުރުފަތުރުގެ ޚަރަދު، އިންޓަރނަލް ހަރަކާތްތަކަށް ކުރާ ޚަރަދު، ބޭންކް ޗާޖަސްއަށް ކުރާ ޚަރަދު، މުވާސަލާތީ ޚަރަދުތައް، އިންޓަރނަލް އިންވެންޓްރީގެ ޚަރަދުތައް، އިވެންޓްތަކުގެ ޚަރަދު އަދި ހިންގުމަށް ކުރާ ޚަރަދުތަކެވެ.

ޝަރީފް ވިދާޅުވީ މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ކުންފުންޏަކީ އެމްއޭސީއެލް ކަމަށާއި، 15 ދުވަހުގެ ތެރޭގައި ކަރަންޓުގެ ނިޒާމު އަޕްގްރޭޑްކޮށް ތެލުގެ ޚަރަދު 20 އިންސައްތައަށް އަށް ކުޑަކުރުމަށް ރާވަފައިވާކަމަށެވެ. މީގެ އިތުރުން، އަހަރެއްގެ ތެރޭގައި ކުންފުނިން ކަރުދާސް ބޭނުންކުރުން ހުއްޓާލައި، ޕްރިންޓް ކުރުމުގެ ޚަރަދާއި ކޮންސިއުމަބަލްސްގެ ޚަރަދު 10 އިންސައްތައަށް ކުޑަކުރުމަށް ވަނީ އަމާޒުކޮށްފައެވެ. އަދި ފެން އުފެއްދުމާއި ފެން ބޭކާރުވުން މަދުކޮށް ޚަރަދު ކުޑަކުރެވޭނެކަމަށްވެސް ޝަރީދް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ސިޔާސަތުތައް މުރާޖަޢާކޮށް، ބިޒްނަސް ކްލާހުން ދަތުރުކުރުމާއި ބޭނުމެއް ނެތް ދަތުރުތައް ހުއްޓާލައި، ވީވަރަކުން ތަމްރީނުތައް އޮންލައިންކޮށް ކުރިއަށް ގެންދަންވެސް ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އިދާރީ އޮނިގަނޑު އިސްލާހުކުރުމުގައި އަމާޒުކުރެވޭނީ އެފިޝަންސީ އިތުރުކޮށް ޚަރަދު ކުޑަކުރުމަށާއި މީގެ ތެރޭގައި ބޭންކް ޗާޖަސް ކުޑަކުރުމަށް މަޝްވަރާކުރުމާއި، ވީއޯއައިޕީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުވާސަލާތީ ޚަރަދު 60 އިންސައްއްތަ އަށް ކުޑަކުރުން ހިމެނޭކަމަށް އެނާ ވިދާޅުވިއެވެ،

އިވެންޓް މެނޭޖްމަންޓްގެ މަސައްކަތް އައުޓްސޯސްކުރުމުގެ ބަދަލުގައި ކުންފުނިން އަމިއްލައަށް ކުރުމަށް ނިންމައި، އިވެންޓްތަކުގެ ޚަރަދު 100,000 ރުފިޔާއަށް ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ. މިއީ އައުޓްސޯސްކުރުމަށްވުރެ މާ ކުޑަ އަދަދެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މުޅި ޖުމްލަ ޚަރަދު 20 އިންސައްތައަށް ކުޑަކުރެވޭނެ ކަމަށް ބެލެވޭނެކަމަށް ޝަރީފް ވިދާޅުވެއެވެ.