ދަރަނި ނަގައި، ގައުމު އިނދަ ޖެއްސުން ފިޔަވައި އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔައީ ތުލުސްދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީމް ހުށަހެޅުއްވި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްއެވެ. މި ބަހުސަގައި ސަރުކާރުގެ މެމްބަރުން ފާހަގަކުރީ މާލީ ހާލަތުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ދައުލަތުގެ ފިކްސަލް ބިލެއް މަޖިލީހަށް ހުށަހަޅައި މަސައްކަތް ދައުރުގެ ކުރީކޮޅު ފެށުމަކީ ދިވެހި ގައުމަށް ގެނެވޭ ހެޔޮ ބަދަލެއްކަމަށް މި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވިއެވެ. ސަުޖާއު ފާހަގަކުރި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައިންސުރެ ރައީސް ޑރ. މިޙައްމަދު މުއިޒަށް ކުރަންޖެހިފައިވާ ކަމަކީ މާލިއްޔާއާއި ގުޅުން ހުރި މަސައްކަތެވެ. އެއީ ކުރީގެ ވެރިކަމުގައި ދައުލަތުގެ ފައިސާ އަމިއްލަ ޖީބަށް ލީ ބަޔަކު ވެރިކަންކޮށްފައިވުމުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މި ބިލު ހުށަހެޅުއްވީ ކުރީގެ ވެރިންގެ ޣައިރު ޒިންމާދާރު ޢަމަލުތަކުގެ ސަބަބުން ދިވެހި ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މި ސަރުކާރުގެ ހަރަދުތައް ބޮޑުކަމަށް ނުވަތަ އިގްތިސާދު މިހާ ދަށަށް ދިޔައީ މެނޭޖު ނުކުރެވުމުގެ ސަބަބުންކަމަށް އެމްޑީޕީން ބުނަމުން ގެންދާކަމަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ ދަރަނިތައް ނަގައި، ގައުމު އިނދަ ޖެއްސުން ފިޔަވައި އެ ޕާޓީގެ ވެރިކަމަށް ކުރެވުނު އިތުރު އެހެން އެއްވެސް ކަމެއް ނެތްކަމަށެވެ.

އެމްޑީޕީން މި ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ހޭދަތައް ބޮޑުކަމަށް ބުނާބުނުމަށް ޝުޖާއު ވިދާޅުވީ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާރުގެ ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ކުރާ ޚަރަދު އެމްޑީޕީ ސަރުކާރަށްވުރެ ކުޑަކަމަށެވެ. މިގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެމްޑީޕީން ސިޔާސީ މަގާމުތަކަށް 5.8 ބިލިއަން ރުފިޔާ ހޭދަކޮއްފައިވާއިރު މި ސަރުކާރުގެ އެ މުއްދަތުގެ ހޭދަތައް ހުރީ 5.5 ބިލިއަން ރުފިޔާގައިކަމަށް ޝުޖާއު ފާހަގަކުރިއެވެ،

ނަމަވެސް، ދައުލަތުގެ މާލީ ހާލަތު ހުރި ގޮތާބަލާފައި ސިޔާސީ މަޤާމުތައް މަދުކުރަން ޖެހޭކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި، ސަރުކާރުން އަޅާ ފިޔަވަޅުތައް ރައްޔިތުން ޤަބޫލުކުރާކަމަށާއި، އެމްޑީޕީގެ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން ރައްޔިތުންނަށް އެނގޭކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށް ނާރާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

އިޤްތިޞާދީ ހާލަތު ދަށްވަމުންދާތީ، ސިޔާސީ މަޤާމުތައް މަދުކުރުމަށް ސަރުކާރުން ވަނީ ނުންމާފައެވެ. ނަމަވެސް، މިހާތަނަށް ސަރުކާރުން ސިޔާސީ މަޤާމުތަކަށް އައްޔަންކުރި މީހުންގެ ތަފްޞީލު ލިބިފައެއް ނުވެއެވެ.