ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ނިންމާފައި ދިޔައީ ރައްޔިތުންގެ ބޮލުގައި 200 ބިލިއަން ރުފިޔާގެ ދަރަންޏެއް އަޅުވަފައިކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރ އަދި މިހާރު އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އަހުމަދު މުނައްވަރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ އަދުގެ މާލީ ހާލަތާއި ގުޅިގެން، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މުނައްވަރު ވިދާޅުވީ، ކުރީ ސަރުކާރުން އެންމެ ބޮޑު އިޙުމާލެއް އޮތީ ކުންފުނިތަކުގެ މާލީ ޙާލަތު ބެލެހެއްޓުމުގައިކަމުގައިވާތީ، އެއީ ދަޢުލަތުގެ ބަޖެޓުގެ ޚަރަދު ބޮޑުވެ، ނުކަތައިގެން ދިޔަ އެންމެ ބޮޑު އެއްކަން ކަމުގައެވެ. އެ ގޮތުން އެއްވެސް ބެލުމެއް ނެތި މުވައްޒަފުން އިތުރުކޮށް، ނުބައްދަލު މުސާރަ ދިނުމާއި، ރޭވުމެއް ނެތި ޚަރަދަށް ބަލާނުލާ ކަންކަން ކުރަމުން ދިޔުމެވެ.

2022 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުގެ ދަރަނި 32 ބިލިއަން ރުފިޔާގައި އޮތްއިރު އަދި ކުރީ ސަރުކާރުގެ 5 އަހަރުގެ ދަޢުރުގައި ކުންފުނިތަކުގެ ޖުމްލަ ދަރަނި އެކަނިވެސް 98 ބިލިއަނަށް އަރައިގެންދިޔަކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ކުރީގެ ވެރިކަން ނިމުނުއިރު ސަރުކާރާއި ކުންފުނިތަކުގެ ދަރަނި ހިމެނޭގޮތަށް ރާއްޖޭގެ ދަރަނި 200 ބިލިއަނަށް އަރާފައިވާކަމަށެވެ.