ޔޫރޯގެ ރައުންޑް އޮފް 16 ގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗު 4-1 އިން ފަސޭހަކަމާއެކު ކާމިޔާބު ކޮށް, ސްޕެއިނުން މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ރެއިން އެނާޖީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްޕެއިންގެ ފަރާތުން ފެނިގެންގޮސްފައި ވަނީ ވަރުގަދަ ކުޅުމެކެވެ. ސްޕެއިންއިން ވަރުގަދަ ކޮށް މެޗު ފެށި ކަމުގައިވިއަސް މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ޖޯޖިއާއެވެ. މި ލަނޑަކީ, މެޗުގެ 18 ވަނަ މިނެޓުގައި ސްޕެއިންގެ ޑިފެންޑަރު ރޮބިން ކީ ނޯމަންޑް އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑެކެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ރޮޑްރީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށް, ޖޯޖިއާގެ ސަޕޯޓަރުންގެ އުފާފާޅު ކުރުންތަކަށް ނިމުމެއް ގެނެސްފައެވެ. ރޮޑްރީގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ސްޕެއިން ވަނީ އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެ ގޮތުން ދެވަނަ ހާފު ފެށިގެން ހަ މިނެޓު ތެރޭގައި އެ ޓީމުގެ ފަބިއަން ރުއިޒް ވަނީ ލަނޑު ޖަހާ ސްޕެއިންއަށް މެޗުގެ ލީޑު ނަގާދީފައެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ނީކޯ ވިލިއަމްސް ވަނީ ސްޕެއިންގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭގެ އަށް މިނެޓު ފަހުން, ސްޕެއިންއަށް ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޑެނީ އޮލްމޯ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށް, ސްޕެއިންގެ ލީޑު ތިން ގޯލަށް އިތުރު ކޮށްދީފައެވެ.
އޮލްމޯގެ މި ގޯލާއެކު ސްޕެއިން ވަނީ ފަސޭހަ ކަމާއެކު ޖޯޖިއާ ބަލިކޮށް މުބާރާތުގެ ކުއާޓާއަށް ދަތުރު ކޮށްފައެވެ. ޖޯޖިއާއަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނަސް, އެ ޓީމުގެ ފަރާތުން މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން ފެނިގެންދިޔަ ހިތްވަރަށް އެތައް ބަޔެއްގެ ތައުރީފާއި ލޯބި އެ ޓީމު ވަނީ ހޯދާފައެވެ.
ކުއާޓާ ފައިނަލުގައި ސްޕެއިން ނިކުންނަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. މުބާރާތުގައި އެންމެ ފޯމުގައި އޮތް ދެ ޓީމު ވާދަކުރާ މި ފޯރިގަދަ "ފައިނަލު" އޮންނާނީ 5 ޖުލައި ވާ ހުކުރު ދުވަހު ރާއްޖެ ގަޑިން 21:00 ގައެވެ.