ހުޅުމާލެ ޖަލުގައި މަސައްކަތް ކުރާ ޖަލުގެ އޮފިސަރަކަށް ހަމަލާދިން މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ރ. އިނގުރައިދޫ/ މިރިހިމާގެ އަހްމަދު އިޔާޒް (24އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ އަހްމަދު ރަބީއު (26އ) އެވެ.

މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކު ސައިކަލުގައި ދުއްވާފައި ދަނިކޮށް, އޭގެ ފަހަތުން ސައިކަލެއްގައި އައިސް އެ އޮފިސަރުގެ ބޮލުގައި މަރުތޭލަކުން ޖަހާ މާރާމާރީ ހިންގަން އުޅުމުންނެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށައަޅާފައިވަނީ މި ދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. މި މައްސަލަ ފުލުހުންނަށް ހުށައެޅުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގެ ކެމެރާ ފުޓޭޖުތައް ބަލާ, އެ އޮފިސަރަށް ހަމަލާ ދިނީ ސައިކަލެއްގައި ހެލްމެޓު އަޅައިގެން ތިބި ދެ މީހުން ކަން ކަށަވަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އަހްމަދް އިޔާޒް ހައްޔަރު ކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގެ ހުއްޓާ, ޖޫން މަހުގެ 14 ވަނަ ދުވަހު ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ. އަހްމަދު ރަބީއު ހައްޔަރު ކޮށްފައިވަނީ މާލޭގެ ގެސްޓްހައުސްއެއްގައި ފިލައިގެން އުޅެނިކޮށް, ޖޫން މަހުގެ 20 ވަނަ ދުވަހު ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގުގެ މަރުހަލާ ނިމެނެދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރެވެމުންދާ ކަމަށެވެ. މި ހާދިސާގައި ޖަލު އޮފިސަރަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.