ހިތަށް ލިބިފައިވާ ސިހުމުގެ ބޮޑު ކަމުން އަޒިކިޔަލްއަށް ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނެވެ. ނަމަވެސް ލޮލުން ފާޅުވި ފޫހިކަމުގެ އަސަރާއެކު ނުހަނު އަވަހަށް ނަޒަރު ބަދަލުކޮށްލައިފިއެވެ.

އެ ވަގުތު އަޒިކިޔަލްގެ ކުރިމަތީ ހުރި އަންހެން ކުއްޖާގެ މޫނުމަތި މިލައިފިއެވެ. އެހެނަސް އެއިން އެއް ވެސް ކަމަކަށް އަޒިކިޔަލްގެ ސަމާލުކަމެއް ނުހުއްޓުނެވެ. ދުރުގައި ގޭގެ މަގުފާރު ކައިރީގައި ހުއްޓި ހުރި ސަބާނާއާ ދިމާލަށް ހިނގައިގައިތީ އެ ތަނުގައި މީހަކު ހުރި ކަމުގެ ހިލަމެއް ވެސް ނުވާ މީހަކު ފަދައިންނެވެ.

މަޑު ހިނގުމެއްގައި ހިނގާފައި ގޮސް, ސާބާނާގެ އަތަށް ޔޫހް ލައިދެމުން އަޒިކިޔަލް ޔޫހްގެ މޫނުގައި ފިރުމާލީ ލޯތްބާއި އެކުގައެވެ. މަންޒަރު ބަލަހައްޓައިގެން ގޭގެ ގޯތި ތެރޭގައި ހުރި އަންހެން ކުއްޖާއަށް ސަބާނާއަށް ބަލާލެވުނެވެ.

މޫނުމަތީ އެކި ޒާތްޒާތުގެ ރީތިވާ ސާމާނުން ޖަރީކޮށްފައި ހުރި ނަމަވެސް އެ މޫނުގެ މަލަމަތި އަނދިރިވެފައިވާކަން ސާފުކޮށް ދޭހަވެއެވެ. ސާބާނާގެ ހާސްކަމުގެ ނަޒަރު ހުރި މިސްރާބު އެނގުމާއެކު އަޒިކިޔަލް ދެން ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުނެލީ ހާލަތު ހިތަށް ތަސައްވަރު ކުރެވުމުންނެވެ.

ޔޫހް ގޮވައިގެން ބާރު ހިނގުމެއްގައި ގޮސް ޖެހިގެން އޮތް ހިމަ ގޯޅިއަށް ސަބާނާ އަޅަންދެން އަޒިކިޔަލް ބަލަހައްޓައިގެން ހުއްޓެވެ. އެ ވަގުތު އެ މަގުގެ ކަންމަތިން ސަބާނާ މީހަކަށް އިޝާރާތް ކޮށްލިހެން އަޒިކިޔަލްއަށް ހީވިއެވެ. ޝައުގުވެރިކަމާއެކު އަޒިކިޔަލްއަށް ބަލަހައްޓައިގެން ހުރެވުނީ އެ ވަގުތު ކުރެވުނު އިހުސާސަކުންނެވެ. ނަމަވެސް ވިހުރިގެންދިޔަ ކަޅު ހެދުމެއްގެ ފަސްބައި ފިޔަވައި އިތުރު އެއްޗެއް އަޒިކިޔަލްއަށް ފެނުމުގެ ނަސީބެއް ނުލިބުނެވެ.

"އައްޅި ކިހިނެއްތަ ހާލު؟" ތޫލިކަމެއް ހުރި އަޑެކެވެ. އެ އަޑަކުން އަޒިކިޔަލްގެ ސިކުނޑީގެ ނާރުތަކަށް ވާންވެ ބޮލުގައި ރިއްސާ ގޮތްވާ ފޫހި އަޑެކެވެ.

ކުރިމައްޗަށް އައިސް ހުއްޓި ހިނިތުންވެލުމާއެކު އަޒިކިޔަލްގެ ނަން ތަކުރާރުކޮށްލަމުން އެ އަޑުގެ ވެރި ޒުވާން އަންހެން ކުއްޖާ ވާހަކަދެއްކިއެވެ. "ހާދަ ގިނަ ދުވަހަކަށްފަހުއޭ މި ފެނުނީ" ފޮނި ގޮތަކަށް ހީލަމުން ލައިގެންހުރި ފިއްތި ހެދުން އިޝްތިހާރުކުރާފާދަ ގޮތަކަށް ހުއްޓި ހުރެ އެ އަންހެން ކުއްޖާ ވާހަކަދެއްކިއެވެ. އެވަގުތު ގޯތިތެރޭގައި ހުރި އަންހެންމީހާ އެ އަންހެންކުއްޖާއަށް ގޮވާލި އަޑު އިވުނެވެ. "އަޝްބާ.. ދަރިފުޅު ތި އައީތަ؟"

ގޯތިތެރެއިން ނުކުމެގެން އައިސް ކައިރިއަށް ހުއްޓުނު އަންހެންމީހާއާއި ހަތަރުކަޅި ހަމަވުމާއެކު އަޒިކިޔަލް ހިނިތުންވާންޖެހުނީ ގަދަކަމުންނެވެ. އެވަގުތު ގޭތެރެއިން ނުކުމެގެން އައި މަންމަގެ އަޑާއެކު އަޒިކިޔަލްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

"ރުޤްބާތަ؟ އަނހަ... ދަރިފުޅު ވެސް ގޮވައިގެންތަ މިފަހަރު ތި އައީ؟" މާ ދުރުން މަންމަގެ އުޖާލާ މޫނު އަޒިކިޔަލްއަށް ފާހަގަވިއެވެ. ވާނީވެސް އެހެންތާ އެވެ. އެއީ ރަށަށް ނަން މަޝްޙޫރު ދެ މިތުރުންނެވެ. އެހެނަސް އަޒިކިޔަލްއަށް އެ ގުޅުން ސިފަވަނީ ހަތުރުންނަށް ވުމާ ގާތަށް ފަލި ޖަހަމުންދާ ގުޅުމެއްގެ ގޮތުގައެވެ. ދެ މީހުން ޖެހިއްޖިއްޔާ ވާހަކަ ހުސްވުމަކީ ނާދިރު ކަމެކެވެ.

"އާނ އާޒިފާ... ރަށަށް ލެފިގޮތަށް އެންމެ ފުރަތަމަވެސް މި އައީ" އަޅައިގެންހުރި ރަނުގެ ތަނޑިބަރި އާއި އަތުން ކުޅެލަމުން ރުޤްބާ ބުނެލީ ބޮޑާ ރާގަކަށެވެ. ނަމަވެސް އަޒިކިޔަލްގެ މަންމަ އެކަމާ ފަރުވާލެއް ބެހެއްޓި ހެނެއް ހިއެއް ނުވެއެވެ. "ދެ ގެ މިހާ ކައިރީގަ އޮތްއިރު އަންނަންވާނެ އަހަރެމެން ގެއަށް ގިނައިން. ހަވީރު ހެދިކާ ހަދާ ތަނަށް އަންނަންވާނެ ކޮންމެހެން ވެސް"

ވަގުތަކީ ހެނދުނުގެ ވަގުތު ރަށުތެރެ ކުނިކަހާ ނިމިގެން ކޮމިޓީގެ މެމްބަރުންތައް ގެއަށް މިސްރާބު ޖަހާ ވަގުތުކަމަށްވުމުން މަގުމަތި ހަލަބޮލިވެފައިވިއެވެ. ކައިރި ގޭގޭގެ އަވަށްޓެރިން ކައިރިން ލާފައި ދަމުން ރުޤްބާއަށް ގޮވާ ވާހަކަދައްކާ ހަދަމުންދިޔަ ދަނޑިވަޅު ބަލާ އަޒިކިޔަލް އަވަހަށް ގޭތެރެއަށް ދެމިގަތުމަށް އަވަސްވެގަތެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ހިފާ އަޝްބާ ވެސް ފަހަތުން ވަދެއްޖެއެވެ. ރަނގަޅަށް ވެސް ޖިންނި އަވަލެވިއްޔޭ އަޒިކިޔަލްގެ ހިތަށް އެރިއެވެ.

ގޭގެ ބަދިގެ ދޮރު ފަހަތުން ލައްޕަން ހިފާލުމަށްފަހު އަޒިކިޔަލްގެ ޚިޔާލު ބަދަލުވީ ފޫބުޑުން އަޝްބާ ފަސޭހައިން ނުފިލާނޭ ހިތަށް އެރުމުންނެވެ. އޮޅިގެން ވިޔަސް އެ އަންހެނާއާ ވާހަކަ ދައްކަން އޭނާގެ ހިތެއް ނުރުހެއެވެ.

އަލުން ގޭގެ ގޯތިތެރެއަށް ނިކުންނަން އަޅާލި ފިޔަވަޅާއެކު އަޒިކިޔަލްގެ ހިތް ތެޅިލީ ބޭރުން ދައްކަމުން ދިޔަ ވާހަކަ އިވުމުންނެވެ. ބޭރުގައި ތިބި މީހުންނަށް ނުފެންނާނެހެން އަޒިކިޔަލްއަށް ދޮރާއި ނިވާވެވުނެވެ.