ޓޮޔޯޓާއިން އަންނަ އަހަރު ޗައިނާގައި އެޑްވާންސްޑް ސެލްފް-ޑްރައިވިންގ ޤާބިލިއްޔަތު ހުރި ފުރަތަމަ އިލެކްޓްރިކް ވެހިކަލް (އީވީ) ތަޢާރަފްކުރުމަށް ވަނީ ތައްޔާރުވެއްޖެއެވެ.

ޓެސްލާގެ ފުލް ސެލްފް-ޑްރައިވިންގ ސިސްޓަމާ އެއްފަދަ މި މޮޑެލްއަކީ ޗައިނާގައި މާކެޓް ހިއްސާ އަލުން ހޯދުމަށް މަސައްކަތްކުރާ ޓޮޔޯޓާއަށް މުހިންމު ފިޔަވަޅެކެވެ.

މި ކަން އިއުލާނުކުރީ، ޖަޕާނުގެ ކާރު އުފައްދާ ކުންފުނި، ޓޮޔޯޓާއާއި ގުއަންޒޫ އޮޓޯމޯބައިލް ގްރޫޕް ގުޅިގެން ގުއާންޒޫގައި ބޭއްވި އިވެންޓެއްގައިއެވެ. ކުރިއަށް އޮތްތާނގައި ނެރޭނެ "ބޯޒީ 3އެކްސް" އެސްޔޫވީގައި އޮޓޮމޭޓެޑް ޕާކިންގ އަދި ހައިވޭ ނެވިގޭޝަން ހިމެނޭ އެޑްވާންސްޑް ޑްރައިވިންގ އެސިސްޓެންސް ހުންނާނެއެވެ. މި ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޗައިނާގައި ބޭރުގެ ބްރޭންޑްތަކުގެ ތެރެއިން އޮޓޮނޮމަސް ޑްރައިވިންގ ޓެކްނޮލޮޖީގެ ދާއިރާގައި ޓޮޔޯޓާ ލީޑަރެއްގެ ގޮތުގައި ޤާއިމްކުރުމެވެ.

ޖީއޭސީ ޓޮޔޯޓާއިން މި ސެލްފް-ޑްރައިވިންގ ސިސްޓަމް އުފައްދަމުންދަނީ މަރސިޑީޒް-ބެންޒް ފަދަ އޮޓޯމޭކަރުންނާއެކު މަސައްކަތްކޮއްފައިވާ މަޝްހޫރު ސްޓާޓްއަޕެއް ކަމަށްވާ މޮމެންޓާ ގްލޯބަލްއާ އެކުގައެވެ. މީގެ އިތުރުން، ޓޮޔޯޓާއިން ހުވާވޭއާއެކު މަސައްކަތްކޮށް، 2025 ގައި ނެރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ސެޑަނެއްގައި އިން-ވެހިކަލް އޮޕަރޭޓިންގ ސޮފްޓްވެއަރ އިންޓެގްރޭޓްކުރާނެއެވެ.

2026 އާއި 2027 އާ ދެމެދު އަގުހެޔޮ، އަޔަން ފޮސްފޭޓް ލިތިއަމް ބެޓެރީއެއް ތަޢާރަފްކުރުމަށްވެސް ޓޮޔޯޓޯއިން ވަނީ ރާވައެވެ. މި ބެޓެރީގެ ސަބަބުން އެކުންފުނީގެ "ބީޒީ4އެކްސް" އިލެކްޓްރިކް ވެހިކަލްގެ އުފެއްދުމުގެ ޚަރަދު 40 އިންސައްތައަށް ދަށްވެގެންދާނެއެވެ. ފަހަކަށްއައިސް ވިއްކުން ދަށްވެފައިވީ ނަމަވެސް، ޓޮޔޯޓާއަކީ ޗައިނާގެ އޮޓޯމޯޓިވް މާކެޓުގައި އަދިވެސް މުހިންމު ބައިވެރިއެކެވެ.