ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 86 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި، އެ މަސައްކަތް ކުރަމުންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން އިތުރަށް ބުނީ އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓްވެސް ވަނީ ސައިޓަށް ގެންދެވިފައިކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 10,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3825 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 9,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 3500 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ފުންކުރުން ހިމެނެއެވެ.

އަދި 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1549 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއަކީ 40.73 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.