ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިިއްޖެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް(ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.

އެ ޕޯސްޓުގައި ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަަމަށެވެ.

އަދި އައު ކޭބަލެއް އަޅައި ކަރަންޓު ކެނޑިފައިވާ ސަރަހައްދު ތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީވެސް އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށް ފަހު އަނެއް ކޭބަލް ބުރި ކުރުމަށް މަސައްކަތް ކޮށްފަައިވާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ މި ކަމުގެ ސަބަބުން ދިވާމެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.