މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަލީ ޙާޝިމް މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ލަފާދެއްވާ މާލިއްޔަތު ކޮމިޓީން ފޮނުވި ސިޓީ ވަނީ މަޖިލީހުގެ އިއްވާފައެވެ. އިއްޔެ ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވީ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.

މަލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ފިޔަވާ އެންމެން ވޯޓު ދީފައި ވަނީ އަލީ ހާޝިމް ވަކި ކުރުމުގެ މަސައްކަތް ފަށަން ފެންނަ ކަމަށެވެ.

ނާޒިމް ވިދާޅުވި ގަވަރުނަރުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ޒިންމާތައް އޭގެ އެންމެ އެދެވޭ ގޮތުގައި އަދާކުރަމުންދާތަ ނުފެންނަކަމަށެވެ. އަދި، ސަރުކާރަށް ލަފާ ދިނުމުގައި އަދި އެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީ ގޮތުން ހަރަދަނާ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގައުމުގެ އިގުތިސާދު ހީނަރުވެ އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގުތިސާދު ނިކަމެތިވެގެން ދިޔައިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުކުރެވިފައިނުވާ ކަމަށެވެ.

އެމްއެމްއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުން، ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުން، ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުން، އަދި ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމާއި ކުރިއެރުމަށް ސަރުކާރަށް އެހީވުން ހިމެނެއެވެ.

ޤައުމުގެ އިޤްތިޞާދު ކުރިއަށް ގެންދިއުމުގެ ދެ އަސާސަކީ ފިސްކަލް ޕޮލިސީއާއި މަނިޓަރީ ޕޮލިސީއެވެ. ފިސްކަލް ޕޮލިސީއަކީ ސަރުކާރުގެ ޚަރަދުތައް ބައްޓަންކުރުމާއި ޓެކްސް މިންގަނޑުތައް ކަނޑައެޅުމެވެ. މަނިޓަރީ ޕޮލިސީއަކީ އިޤްތިޞާދުގައި ދައުރުވާ ފައިސާ ކަނޑައެޅުމާއި އިންޓްރެސްޓް ރޭޓް ކަނޑައެޅުމެވެ.

ނަމަވެސް، ޤައުމުގެ އިޤްތިޞާދު ހީނަރުވެފައިވާކަމާއި، އެމްއެމްއޭގެ ޤާނޫނުގައި ބުނާ މަޤްޞަދު ހާސިލްކުރެވިފައި ނެތްކަން ފާހަގަކުރެވޭކަމަށާއި މަނިޓަރީ ޕޮލިސީ ރަނގަޅަށް ހިނގާތަން ފެންނަން ނެތްކަންވެސް ފާހަގަކުރެވިފައިވާކަމަށް މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައިވެއެވެ.

ކޮމިޓީން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އެމްއެމްއޭއިން ބޭންކުތަކުގެ ލޯނު ދޫކުރުން ހިފަހައްޓާފައިވާތީ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވާކަން ހިމެނެއެވެ. މީގެ އިތުރުން، ސަރުކާރުގެ ފައިސާ ހޯދުމުގެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ނުކުރެވޭކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެމްއެމްއޭގެ ގަވާއިދުތައް އަދާހަމަ ނުކުރެވި ހުރުމުން ކުށްކުރުމަށް މަގުފަހިވާކަން ފުލުހުންގެ ފަރާތުން ހިއްސާކޮށްފައިވާ މަޢުލޫމާތުތަކުން ދޭހަވެއެވެ. އަދި އެމްއެމްއޭގެ މައިގަނޑު މަޤްޞަދުތައް ހާސިލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަންވެސް ފާހަގަކުރެވިފައިވެއެވެ.

ގަވަރުނަރުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވޭކަމާއި، އެމްއެމްއޭއަށް އައު ލީޑަރޝިޕެއް ބޭނުންވާކަމަށް ކޮމިޓީން ދެކޭކަން ބަޔާންކޮށްފައިވެއެވެ.

މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، ގަވަރުނަރު ޢަލީ ޙާޝިމް މަޤާމުން ވަކިކުރުމަށް ލަފާދީ، އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައިވާކަން ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޢަލީ ޙާޝިމް ގަވަރުނަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުކައެވެ.