ސަމޯއާ އެއްބަސްވުމުގައި ދިވެހިރާއްޖެއިން ސޮއިކޮށްފައި ވަނީ އިސްލާމް ދީނާއި, ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައެޅުމަށް ފަހު ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވަލީދު "އެކްސް" ގައި އާއްމު ކުރި ޕޯސްޓެއްގައި ވަނީ ސަމޯއާ އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރީ ގާނޫނު އަސާސީއަށް ފުށުއަރާ މާއްދާތަކަށް ރެޒަވޭޝަން ފޮނުވުމަށް ފަހު ކަން ޔަގީން ކޮށްދީފައެވެ. އެ ގޮތުން ޖުމްލަ 12 މާއްދާއަކަށް ވަނީ ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައެވެ.

ހީނާ ފާހަގަކުރެއްވި ގޮތުގައި, މީގެ ކުރިން ވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ މި ފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށް ފަހުއެވެ.

ހީނާ ވަނީ, އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އެއް ވެސް ކަމަކަށް މި ސަރުކާރުން ތަން ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ.