ޔޫރޯގެ ރައުންޑް އޮފް 16 ގައި ޕެނަލްޓީ ޖަހައިގެން ސްލޮވީނިއާ ބަލިކޮށް, ޕޯޗުގަލް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ޑިއުޝް ބޭންކް ޕާކުގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޕޯޗުގަލްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް އުފެއްދިފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވަނީ ކުޅުން ރަނގަޅު ކޮށް, ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. އެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ސްލޮވީނިއާގެ ބެންޖަމިން ސެޝްކޯއަށް ވަނީ ލަނޑެއް ޖެހުމަށް ހުސްކޮށް ފުރުސަތެއް ލިބިފައެވެ. ނަމަވެސް ސެޝްކޯއަށް ވަނީ އޭނާ ފޮނުވާކި ބޯޅަ ގޯލާ އަމާޒު ކުރެވޭ ގޮތް ނުވެފައެވެ.
މެޗުގެ 89 ވަނަ މިނެޓުގައި ރޮނަލްޑޯއަށް ވަނީ ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޑިއޯގޯ ޖޯޓާ, ފަހިކޮށްދިން ފުރުސަތުން ރޮނަލްޑޯ ފޮނުވާލި ބޯޅަ އޭނާއަށް އަމާޒު ކުރެވުނީ, ސްލޮވީނިއާގެ ހުނަރުވެރި ގޯލްކީޕަރު ޔޭން އޮބްލަކްގެ މެއަށެވެ.
މެޗުގެ ނުވަދިހަ މިނެޓު ހަމަވި އިރު ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވުމުން މެޗު ވަނީ އިތުރު ވަގުތަށް ގޮސްފައެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް, ރޮނަލްޑޯ ފޮނުވާލި ބޯޅަ ސްލޮވީނިއާގެ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފައެވެ.
އިތުރު ވަގުތުގެ ކުޅުން ނިމުނު އިރު ވެސް އެއް ވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން މެޗު ވަނީ ޕެނަލްޓީއަށް ގޮސްފައެވެ. މިއީ, މި ޔޫރޯގައި މެޗެއް ޕެނަލްޓީ ޝޫޓްއައުޓްއަކަށް ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ އޭނާގެ ހުނަރުތައް ދައްކާލައި, ސްލޮވީނިއާގެ އެންމެ ފުރަތަމަ ތިން ޕެނަލްޓީ ވެސް މަތަކޮށް, 3-0 އިން ޕޯޗުގަލްއަށް ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށްދީ, ޕޯޗުގަލްއަށް މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދައިދީފައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ވާދަކުރަން ޖެހިފައިވަނީ, 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަނަރ އަޕުން ކަމުގައިވާ ފްރާންސްއާއެވެ. މި ފޯރިގަދަ ކުއާޓާ ފައިނަލު އޮންނާނީ 6 ޖުލައި ވާ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން 00:00 ގައެވެ.