ކޮޕާ އެމެރިކާގެ ގްރޫޕު "ސީ" ގައި މުބާރާތުގެ ހޯސްޓުން ކަމުގައިވާ އެމެރިކާ އަތުން 1-0 އިން މޮޅުވެ, އުރުގުއާއީ ގްރޫޕު "ސީ" ގެ އެއްވަނައިގައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އެމެރިކާގެ އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައި ވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އުރުގުއާއީ އަށެވެ. އުރުގުއާއީގެ ފަކުންޑޯ ޕެލިސްޓްރީ ގޯލްކީޕަރުގެ ބޯ މަތިމް ފޮނުވާލި ޝޮޓު, އެމެރިކާގެ ޑިފެންޑަރު ޓިމޮތީ ރީމް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި އުރުގުއާއީ ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށް, މެޗުގެ 61 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މެތިއަސް އޮލިވޭރާއެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު އޮލިވޭރާ ކާމިޔާބު ކުރި ލަނޑަށް, މެޗު ނިމުން އިރު ވެސް އެމެރިކާއަށް ރައްދެއް ނުދެވުމުން އެ ޓީމު ވަނީ އުރުގުއާއީ އަތުން ބަލިވެ, މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

މި ލިބުނު މޮޅާއެކު އުރުގުއާއީ ގްރޫޕު ސްޓޭޖު ނިންމާލީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް, ގްރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ޕެނަމާއެވެ. މި ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު, ގްރޫޕު "ސީ" ގެ ތިންވަނައަށް ދިޔަ އެމެރިކާ އާއި ހަތަރުވަނައަށް ދިޔަ ބޮލީވިއާ ވަނީ މުބާރާތުން ކަޓާފައެވެ.