ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ބައެއް ކުންފުނިތައް އުވާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޔާމީން، މިއަދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވިދާޅުވީ، ފައިދާ ނުވާ ކުންފުނިތަކާމެދު ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތެއް ތައްޔާރުކޮށް، ކަމާގުޅޭ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

މިގޮތުން ޔަމީން ވިދާޅުވީ، ފައިދާ ނުވާ ކުންފުނިތަކާ މެދު ދެ ގޮތަކަށް އަމަލުކުރުމަށް ވަނީ ނިންމާފައެވެ. އެއީ ކުންފުނިތަކުގެ މަސައްކަތްތައް މުރާޖައާކޮށް ފައިދާވާ ގޮތްތައް ހޯދުން ނުވަތަ އެއްކޮށްލުމާއި، ފައިދާ ނުވާނެ ކަމަށް ފެންނަ ކުންފުނިތައް އުވާލުމެވެ.

މީގެ އިތުރުން، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އުސޫލެއް ހެދުމާއި ޕާފޯމަންސް މޮނިޓަރިންގ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން މަޢުލޫމާތު ދީފައިވެއެވެ.

ނަމަވެސް، މި ފިޔަވަޅުތައް އަޅާނެ ކުންފުނިތަކުގެ ނަންތަކެއް ޕީސީބީ އިން ކޮމިޓީގައި ހިއްސާކޮށްފައެއް ނުވެއެވެ.

މި ފިޔަވަޅުތައް އަޅަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ކަމަށާއި، މި ފިޔަވަޅުތައް ޖުލައި މަހުގެ މެދުތެރޭގައި އަޅަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ކުރިން ވިދާޅުވެފައިވެއެވެ. އަދި މިފިޔަވަޅުތަކަށް ކަމާ ގުޅޭ ހުރިހާ އިދާރާއަކުން އެއްބާރުލުން ދިނުމަށްވެސް މިނިސަޓަރު ވަނީ އެދިލައްވާފައެވެ.