ރާއްޖެއިން ޗައިނާގެ ހުވާވޭ ޓެކްނޮލޮޖީސްއާއެކު ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ފުރުސަތުތައް ބަލައި ދިރާސާކުރުމަށް މަޝްވަރާތަކެއް ފަށްޓަވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވިފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ގްލޯބަލް ސިސްޓަމް ފޮރ މޮބައިލް ކޮމިއުނިކޭޝަންސް (ޖީއެސްއެމްއޭ) ގައި ބައިވެރިވުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މޯބައިލް ފޯނު އުފެއްދުމާއި ތަރައްޤީކުރުމުގައި ހަރަކާތްތެރިވާ ފަރުދުންނާއި ކުންފުނިތަކުގެ ޖަމްޢިއްޔާއެއްގެ ގޮތުގައި މަޝްހޫރު ޖީއެސްއެމްއޭއިން ވަނީ މެންބަރު ކުންފުނިތަކާއި މޯބައިލް އޮޕަރޭޓަރުންނާއެކު މަޝްވަރާކުރެއްވުމަށް ވަޒީރު އާދަމް ޝަރީފަށް ދަޢުވަތު އަރުވާފައެވެ.
ވަޒީރު ވަނީ ޖީއެސްއެމްއޭ އަދި ހުވާވޭއާއެކު ކުރެއްވި މަޝްވަރާތަކުގެ ތަފްސީލު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރައްވާފައެވެ. އޭގައި އަލިއަޅުވާލާފައިވަނީ ދިވެހިރާއްޖޭގެ މުވާސަލާތީ ވަސީލަތްތައް ހަރުދަނާކުރުމާއި، ޓެކްނޮލޮޖީގެ އެހީގައި ލާމަރުކަޒީ ނިޒާމު ކުރިއެރުވުމުގެ މަސައްކަތްތަކަށެވެ.
ވަޒީރު އާދަމް ޝަރީފްގެ މި ދަތުރުފުޅުގައި، ޗައިނާގެ ޝަންހާއީގައި އަހަރަކު އެއްފަހަރު ބޭއްވޭ، މޮބައިލް ނެޓްވޯކިންގ ދާއިރާގެ ޕްރޮފެޝަނަލުންގެ އެންމެ ފާހަގަކޮށްލެވޭ ކޮންފަރެންސް ކަމުގައިވާ މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) ގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑަބްލިއުސީގައި އޭނާ ބައިވެރިވެވަޑައިގެންނެވީ ޖީއެސްއެމްއޭގެ އަވައްޓެރި ޤައުމުތަކުގެ ސަރަޙައްދީ ލީޑަރު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުންތަކާ ގުޅިގެން ކުރިމަތިވާ ސައިބަރ ސެކިއުރިޓީގެ ގޮންޖެހުންތަކާއި، މި ނުރައްކާތައް ކުޑަކުރުމުގެ ސްޓްރެޓެޖީތަކާއި، އަދި ޑިޖިޓަލް ސިޓީތައް ތަރައްޤީކުރުމުގެ ޕްލޭންތައް ހިމެނެއެވެ.
ޖީއެސްއެމްއޭގެ މެންބަރުޝިޕްގައި 750 އަށްވުރެ ގިނަ މޮބައިލް ޚިދުމަތްދޭ ފަރާތްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޮބައިލް ފޯނު އުފެއްދުމާއި ތަރައްޤީކުރުމުގައި ހަރަކާތްތެރިވާ 400 ކުންފުނި ހިމެނެއެވެ. މި ޖަމްޢިއްޔާއަކީ ދުނިޔޭގެ މުވާސަލާތީ މިންގަނޑުތަކާއި އައު އީޖާދުތައް އެކަށައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތަކަށްވާތީ، ދިވެހިރާއްޖެ ފަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރަން ބޭނުންވާ ޤައުމުތަކަށް މިއީ މުހިންމު ބައިވެރިއެކެވެ.