ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ ތިރީގައިވާ އިދާރާތަކުގެ ނަންތަކަށް، 2024 ޖޫން 25ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބަދަލުގެންނަވައިފިއެވެ.

• "އ.ދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަން"ގެ ނަން "ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން"ގެ ނަމަށް ބަދަލުކުރެއްވުން.

• "ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް" ގެ ނަން "ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން" ގެ ނަމަށް ބަދަލުކުރެއްވުން.

• "ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަން" ގެ ނަން "ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަން" ގެ ނަމަށް ބަދަލުކުރެއްވުން.

އަދި، އެ ތާރީހުން ފެށިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައްވެސް އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.

މިކަންކަން އިއުލާނު ކުރައްވައިފައިވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި ދެ ދެންނެވުމަކުންނެވެ. އެއީ ދެންނެވުން ނަންބަރު: 2024/12 އަދި ދެންނެވުން ނަންބަރު : 2024/13 ގެ ދެންނެވުމެވެ.