ތައިލެންޑްގެ ރަސްކަމާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން އަލުން އެނބުރި ވެރިރަށް ބެންކޮކްގެ މަގުތަކަށް ނުކުމެއްޖެއެވެ.

ބެންކޮކްގެ މެދުތެރޭގައި ޑިމޮކްރަސީ މޮނިއުމެންޓް ހުންނަ މައިދާނަކަށް އެއްވެ މުޒާހަރާ ކުރާ މީހުން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ، އެ މައިދާނުގެ މެދުގައި ހުރި ބޮޑު ބިނާގެ ވަށައިގެން ރަތްކުލައިގެ ފޮތި ދެމުމެވެ.

މުޒާހަރާ އިންތިޒާމުކުރި ފަރާތުން ބުނީ، ރަތްކުލަ ރަމްޒު ކޮށްދެނީ ޑިމޮކްރަސީއަށްޓަކައި ހަނގުރާމަކުރާ މީހުންގެ ލޭ ކަމަށެވެ.

އަދި ހަމަ އެއާއެކު، ތައިލެންޑްގައި އަމަލުކުރާ ރަސްކަމުގެ އަބުރާބެހޭ ގާނޫނު ވަގުތުން އުވާލުމަށްވެސް އެމީހުން ގޮވަމުންދިޔައެވެ.

ތައިލެންޑްގައި އަމަލުކުރާ ރަސްކަމުގެ އަބުރުގެ ގާނޫނަކީ މުޅި ދުނިޔޭގައިވެސް ބޭނުންކުރާ މިފަދަ އެންމެ ހަރުކަށި ގާނޫނެވެ. އެ ގާނޫނާމެދު ދުނިޔޭގައިވެސް ޚިޔާލު ތަފާތުވުންތައް އުފެދިފައި އޮވެއެވެ.

ތައިލެންޑްގެ ރަސްކަމަށް، ރަސްގެފާނަށް ނުވަތަ ޝާހީ އާއިލާގެ ބޭފުޅަކަށް ނިސްބަތްކޮށް މީހަކު ބުނާ ދެކޮޅުވެރި ބަހަކުން ނުވަތަ ސޯޝަލް މީޑިއާގައި ލިޔާ އެއްޗަކުން އެފަދަ މީހަކު ދިގު މުއްދަތަކަށް ޖަލަށް ލެވެއެވެ.

މުޒާހަރާ ކުރާ މީހުން ޑިމޮކްރަސީ މޮނިއުމެންޓް ކައިރިން އެހެން ހިސާބުތަކަށް ދާން އުޅުމުން ފުލުހުން އެމީހުން ހުއްޓުވަން މަސައްކަތް ކޮށްފައި ވެއެވެ. އެކަމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނާއި، ފުލުހުންނާ ދެމެދު ހިސާބެއްގެ ކުރިމަތިލުންތަކެއް ހިނގި ކަމަށާއި، މުޒާހަރާ ކުރާ މީހުން ފުލުހުންގެ ގަޔަށް ދަވާދާއި ކުލަ ޖެހިކަމަށް މީޑިއާއިން ބުނެފައި ވެއެވެ.

މި ކުރިމަތިލުންތަކުގެ ތެރޭގައި ފުލުހުންގެ ވިއްސަށްވުރެ ގިނަ އޮފިސަރުންނަށް އަނިޔާވި ކަމަށާއި، މުޒާހަރާއާ ގުޅިގެން އާންމުންގެ 8 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނުގެ ނާއިބް ކިސާނާ ވިދާޅުވެފައި ވެއެވެ.

ތައިލެންޑްގެ ޒުވާނުން އިސްނަގައިގެން، ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުޓުގެ ސަރުކާރާއި، ތައިލެންޑްގެ ރަސްކަމާ ދެކޮޅަށް ފެށި ވަރުގަދަ މުޒާހަރާތައް މިހާރުވަނީ ހިސާބަކަށް މަޑުޖެހުން އައިސްފައެވެ.

މުޒާހަރާތައް ހިސާބަކަށް މެޑުޖެހުމަކަށް އައީ، ތައިލެންޑްގެ ކޮރޯނާވައިރަސް ބަލީގެ ހާލަތު އިތުރަށް ގޯސްވާން ފެށުމާ ގުޅިގެންނެވެ.

ނަމަވެސް، އެތައްސަތޭކަ ބަޔަކު ބެންކޮކްގެ މަގުތަކަށް އަލުން ނުކުމެ މުޒާހަރާ ފެށީ، މުޒާހަރާތައް ބޭއްވުމުގައި އިސްކޮށްއުޅޭ 4 ލީޑަރަކު ހައްޔަރުކުރުމާ ގުޅިގެން އެކަމާ ރުޅިއައިސްގެންނެވެ.

އެ 4 ލީޑަރުންވެސް ހައްޔަރު ކޮށްފައިވަނީ ރަސްކަމުގެ އަބުރުގެ ގާނޫނުގެ ދަށުންނެވެ. އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކޮށް ހުކުމް ކޮށްފިނަމަ ކޮންމެ މީހަކު 15 އަހަރަށް ޖަލަށް ލާނެއެވެ.