އުއްތަރު ޕްރަދޭޝްގެ ހަތްރަސްގައި ބޭއްވުނު ހިންދޫ ދީނީ އެއްވުމެއްގައި މަދުވެގެން 121 މީހުން މަރުވެއްޖެކަމަށް އޭސިއާ ނިއުސް އިންޓަރްނޭޝަނަލް (އޭއެންއައި) އިން ރިޕޯޓުކޮށްފައިވެއެވެ.

މިހާދިސާގައި މަރުވި މީހުން ތެރޭފައި ގިނައީ އަންހެނުންނެވެ.

އަންގާރަ ދުވަހު ބޭއްވުނު މި އިވެންޓަށް ގާތްގަނޑަކަށް 250،000 މީހުން ހާޒިރުވެފައިވާއިރު، މިއީ ފުލުހުން ހުއްދަދީފައިވާ 80،000 މީހުންގެ ޖާގައަށްވުރެ މާ ގިނަ އަދަދެކެވެ.

ހާދިސާ ހިނގަން މެދުވެރިވީ 'ބޯލޭ ބާބާ' ގެ ނަމުން އިންޑިއާގައި މަޝްހޫރު ހިންދޫ ވާހަކަދެއްކުންތަރިއެއް ކަމައްވާ ސުރަޖްޕާލް އޭނާގެ ކާރުގައި އިވެންޓުން ނުކުމެގެން ދާންއުޅުމުގެ ތެރޭގައިއެވެ. އެތައް ހާސް މީހުން އެ ވެހިކަލާ ދިމާއަށް އެއްވުމާއެކު، އެވަގުތު އިށީނދެތިބި މީހުންގެ މެދުގައި ފިއްތުންތަކެއް އުފެދުނެވެ. ބައެއް މީހުން ކައިރީގައިވާ ޗަކަގަނޑަކަށް ވެއްޓި، އެމީހުންގެ މައްޗަށް އެހެން މީހުން އަރައިގަތެވެ.

ރޮއިޓަރސް އިން ބެލި ފުރަތަމަ މަޢުލޫމާތު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި އިވެންޓުގައި ހުއްދަ ދީފައިވާ އަދަދަށްވުރެ ތިން ގުނައަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މި ސްޓެމްޕީޑްގައި 121 މީހުން މަރުވެ، 28 މީހުންނަށް އަނިޔާވެފައިވެއެވެ. އުއްތަރު ޕްރަދޭޝްގެ ޗީފް ސެކްރެޓަރީ މަނޯޖް ކުމާރު ސިންގް ކަށަވަރުކޮށްދީފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 108 އަންހެނުންނާއި 7 ކުޑަކުދިން ހިމެނެއެވެ.

ލޯކަލް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އިވެންޓު އިންތިޒާމުކޮށްފައިވަނީ ހިންދޫ އަޅުކަންކުރާ ގްރޫޕަކުންނެވެ. ނަމަވެސް ތަފްސީލުތައް އަދިވެސް ސާފެއް ނޫނެވެ. މިވަގުތު ފުލުހުން ދަނީ ސުރަޖްޕާލް ހުރި ތަނެއް ހޯދަމުންނެވެ.