ޒަޔަނިސްޓް އިސްރާއީލުގެ ވައިގެ ހަމަލާއަކުން, ޣައްޒާގެ "ސޭފް ޒޯން" އެއްކަމަށް ކަނޑައަޅާފައިވާ ތަނެއްގައި 12 މީހުން ޝަހީދުވެއްޖެކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކުރޮއްފިއެވެ. މީގެ ތެރޭގައި އެއް އާއިލާއެއްގެ 9 މެންބަރުން ހިމެނެއެވެ.

މި މީހުންނަކީ އިރުމަތީ ޚާން ޔޫނިސް ދޫކޮށް ދިއުމަށް އިސްރާއީލުން ނެރުނު އަމުރަށް ތަބާވެގެން އެ ސަރަހައްދުން ނުކުތް ބައެކެވެ. އެ މީހުން ވަނީ ޑެއިރް އަލް-ބަލާހު ގެ ކަނޑައަޅާފައިވާ ރައްކާތެރި ސަރަހައްދަށް ގޮސްފައެވެ.

"މަރުވި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ގަޑިއިރުތަކެއް ކުރިން ޚާން ޔޫނިސްއިން ފިލައިގެން އައި މީހުން" ކަމަށް ޑެއިރް އަލް-ބަލާހުގައި ހަމަލާ ދެވުނު ގެއެއްގައި ދިރިއުޅުނު ގާތްތިމާގެ މީހެއް ކަމަށްވާ އަސްމާ ސަލީމް ބުނެފައިވެއެވެ.

ޑެއިރް އަލް-ބަލާހުގެ ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ނާސަރު ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަރީ ޑިޕާޓްމަންޓުގެ އިސްވެރިޔާ ހަސަން ހަމްދާން ހިމެނެއެވެ. އޭނާގެ އާއިލާއާވެސް މިހަމަލާގައި ވަނީ ޝަހީދުވެފައެވެ.

ދެކުނުގެ ސިޓީ ޚާން ޔޫނިސްއާ ގާތް ސަރަހައްދުތަކުން ނުކުތުމަށް ޒަޔަނިސްޓު އިސްރާއީލުގެ ސިފައިން ނެރުނު އަމުރުގެ ސަބަބުން 250,000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އދ. އިން ލަފާކުރެއެވެ. އަދި ޖުމުލަ ގޮތެއްގައި ގާޒާގައި ގެދޮރު ދޫކޮށްފައިވާ މީހުންގެ އަދަދު 1.9 މިލިއަނަށް އަރާފައިވާ ކަމަށް ލަފާކުރެވެއެވެ.

މިހާރު ޣައްޒާގައި ދިރިއުޅޭ ހުރިހާ މީހުންގެ 80 އިންސައްތަ އަށްވުރެ ގިނަ އަދަދެއް - ގާތްގަނޑަކަށް 1.9 މިލިއަން މީހުން - މިހާރު އެއްވެފައި ތިބީ ޣައްޒާ މެދުގައިވާ ސަރަހައްދުތަކުގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.