ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި އޮސްޓްރިއާ ބަލިކޮށް ތުރުކީއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމުން, ތުރުކީގެ ޓީމަށް އެ ގައުމުގެ ރައީސް ރޭޝިޕް ތައްޔިބް އުރްދުއާން ތައުރީފު ކޮށްފިއެވެ.

ތުރުކީގެ ފުޓުބޯޅަ ޓީމުން ރޭ ހޯދި ފަހުރުވެރި ކާމިޔާބީ ފާހަގަ ކުރައްވާ, ފޭސްބުކް މެދުވެރިކޮށް އެ ގައުމުގެ ރައީސް އުރްދުއާން ވަނީ ތުރުކީގެ ފުޓުބޯޅަ ޓީމަށް މަރުހަބާ ކިޔާފައެވެ.

"އޮސްޓްރިއާ ބަލިކޮށް ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރުމުން ތުރުކީގެ ފުޓުބޯޅަ ޓީމަށް މަރުހަބާ ކިޔަން. އަހަރެން އެދެނީ ޔޫރޯ ކާމިޔާބު ކުރުމަށް ޓަކައި ތުރުކީގެ ޓީމުން ކުރަމުން އަންނަ ބުރަ މަސައްކަތް ކާމިޔާބު ވުމަށް" ތުރުކީގެ ފުޓުބޯޅަ ޓީމަށް ތައުރީފު ކުރަމުން ފޭސްބުކްގައި އާއްމު ކުރެއްވި ފޯސްޓުގައި އުރްދުއާން ވިދާޅުވިއެވެ.

ރޭގައި ކުޅެވިގެންދިޔަ ފޯރިގަދަ މެޗުގައި ތުރުކީ ވަނީ ވަރުގަދަ ކުޅުމެއް ދައްކާ, 2-1 ގެ ނަތީޖާއަކުން އޮސްޓްރިއާ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. މިއީ, އެ ޓީމުގެ ތާރީހުގައި މުބާރާތުގެ މި ހިސާބަށް ދެވުނު ތިންވަނަ ފަހަރެވެ.

ދެވަނަ ބުރުގައި ލިބުނު ކާމިޔާބީއަށް ފަހު, މުބާރާތުގެ ކުއާޓާ ފައިނަލުގައި ތުރުކީ ނިކުންނާނީ ވަރުގަދަ ނެދަލޭންޑްސްއާ ދެކޮޅަށެވެ. މި ފޯރިގަދަ ކުއާޓާ އޮންނާނީ, ރާއްޖެ ގަޑިން 7 ޖުލައި ވާ އާދީއްތަ ދުވަހުގެ 00:00 ގައެވެ.