ހދ. ފިނޭ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މިއަދު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކް ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 5,848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 35,484.26 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 5,848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނޭ ކަމަށް އެމްޓީސީސީއިން ބުންޏެވެ.

މީގެއިތުރުން 219 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 82 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2,198.65 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއަކީ 44.59 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.