މި އަހަރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯއަކީ އޭނާގެ ފަހު ޔޫރޯ ކަމަށް ޕޯޗުގަލްގެ ސުޕާސްޓާ ކްރިސްޓިއާނޯ ރޮނަލްޑޯ ބުނެފިއެވެ.

ޕޯޗުގަލްގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި, 39 އަހަރުގެ ރޮނަލްޑޯ ވަނީ މި އަހަރުގެ ޔޫރޯއަކީ އޭނާގެ ފަހު ޔޫރޯކަން ޔަގީން ކޮށްދީފައެވެ.

"މިއީ އަހަރެން ކުޅޭނެ އެންމެ ފަހު ޔޫރޯ. އަހަރެން އެކަމާ އެހާ ދެރައެއް ނުވަން. އަހަރެންގެ ފުޓުބޯޅަ ހަޔާތުގައި އެންމެ މުހިއްމު ކަމަކީ މީގެ އެތައް އަހަރެއް ކުރިން އަހަރެންގެ ހިތުގައި ފުޓުބޯޅަ ކުޅުމަށް އޮތް ލޯބި އަދި ވެސް އެބަ އޮތް ކަން" މި އަހަރުގެ ޔޫރޯއަކީ އޭނާގެ އެންމެ ފަހު ޔޫރޯކަން ޔަގީން ކޮށްދެމުން ރޮނަލްޑޯ ބުންޏެވެ.

ރޮނަލްޑޯގެ ޕޯޗުގަލް ވަނީ ޔޫރޯގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފައެވެ. މި މުބާރާތުގައި ރޮނަލްޑޯއަށް އަދި ލަނޑެއް ކާމިޔާބު ކުރެވިފައިނުވާ ކަމުގައިވިއަސް, އޭނާއަކީ މި ޔޫރޯގައި ގޯލަށް އެންމެ ގިނަ ހަމަލާ ފޮނުވާލާފައިވާ ކުޅުންތެރިޔާއެވެ.

ޒުވާން އުމުރުގައި ރޮނަލްޑޯގެ ފަރާތުން ފެނިގެންގޮސްފައިވާ "ޖާދޫ" މިހާރު ނުފެނުނަސް, އޭނާ އަންނަނީ ޕޯޗުގަލްގެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ޔޫރޯގައި ޕޯޗުގަލް ދެން ނިކުންނާނީ ކުއާޓާ ފައިނަލުގައި ފްރާންސްއާ ދެކޮޅަށެވެ. މި ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 6 ޖުލައި ވާ ހޮނިހިރު ދުވަހުގެ 00:00 ގައެވެ.