ތުރުކީގެ މެރިހް ޑެމިރަލްއާ ބެހޭ މައްސަލައެއް ޔޫއެފާއިން ބަލަން ފަށައިފިއެވެ.

ޑެމިރަލްއާ ބެހޭ ގޮތުން ޔޫއެފާއިން ބަލަމުންދާ މައްސަލައަކީ, ޔޫރޯގެ ދެވަނަ ބުރުގައި ރޭގައި އޮސްޓްރިއާ އަތުން ތުރުކީ މޮޅުވި މެޗުގައި, ލަނޑު ޖެހުމަށް ފަހު ޑެމިރަލް ހެދި ސެލެބްރޭޝަންއާ ބެހޭ މައްސަލައެކެވެ.

ރޭގައި ކުޅުނު ފޯރިގަދަ މެޗުގައި އޮސްޓްރިއާ އަތުން 2-1 އިން ތުރުކީ މޮޅުވި އިރު, ތުރުކީގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ޑެމިރަލްއެވެ. މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ޑެމިރަލް ވަނީ ދެ އަތުން އިޝާރާތެއް ކޮށްފައެވެ. ޑެމިރަލްގެ އަތުން ހެދި އިޝާރާތަކީ ތުރުކީގެ އަލްޓަރާ ނޭޝަނަލިސްޓް ޖަމިއްޔާއެއް ކަމަށް ވާ "ގްރޭ ވޫލްވްސް" އާ ގުޅުން ހުރި އިޝާރާތެކެވެ.

ޔޫއެފާއިން ވަނީ, ޔޫރަޕުގެ ބައެއް ގައުމުތަކުގައި އަތުން ހެދުން މަނާ ކޮށްފައިވާ އިޝާރާތެއް ކަމުގައިވާ "ގްރޭ ވޫލްފް ސެލޫޓް" ހެދި ޑެމިރަލްގެ މައްސަލަ ބަލަން އިންވެސްޓިގޭޓަރަކު ހަމަޖެއްސިކަން ޔަގީން ކޮށްދީފައެވެ.

ކުއާޓާ ފައިނަލުގައި ދެން އަންނަ އާދީއްތަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ތުރުކީއިން ނިކުންނަން ހަމަޖެހިފައިވާ އިރު, ޑެމިރަލްއަށް މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާއަށް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ޑެމިރަލްއަކީ މީގެ ކުރިން 2019 ވަނަ އަހަރު ވެސް މި ކަހަލަ މައްސަލެއްގައި ތަހުގީގު ކުރެވިފައިވާ ކުޅުންތެރިޔެކެވެ. އެ ފަހަރު ޑެމިރަލް ތަހުގީގު ކުރީ, ތުރުކީއިން ސީރިއާގައި މިލިޓަރީ އޮޕަރޭޝަނެއް ހިންގަމުންދިޔަ ދުވަސްކޮޅަކާ ދިމާކޮށް, މެޗެއްގައި މިލިޓަރީ ސެލޫޓެއް ކުރުމުންނެވެ.