ތ. ކަނޑޫދޫގައި 300 ކިލޯވޯޓުގެ ސޯލާ ޕީވީއަކާއި 300 ކިލޯވޯޓު-އަވަރުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލްކޮށް ނިމިއްޖެކަމަށް ފެނެކަ ކޯޕްރޭޝަން އިން ބުނެފިއެވެ. މިއީ ކަނޑޫދޫއިން ތިމާވެއްޓާ ރައްޓެހި މުސްތަޤުބަލަކާ ދިމާއަށް ދިއިމަށް އެޅޭ މުހިންމު ފިޔަވަޅޭކެވެ.

ޕޮއިސްޑް އިނީޝިއޭޓިވްގެ ދަށުން ފުރިހަމަކުރެވުނު މި މަޝްރޫޢުގެ ސަބަބުން، ރަށަށް ދުވާލުގެ ވަގުތުތަކުގައި 7-8 ގަޑިއިރު ވަންދެން ޑީސަލް ޖަނަރޭޓަރުތަކަށް ބަރޯސާނުވެ ކަރަންޓު އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ފެނަކައިން ބުނެއެވެ. މި އައު ސިސްޓަމަކީ ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރުމުގައި ވަރަށް މުހިންމު މަރުހަލާއެއް ކަމުގައިވެފައި، މީގެ ސަބަބުން ރަށުގެ ކާބަން ފުޓްޕްރިންޓް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނުން އެކްސް ގައި މި ސިސްޓަމް މިހާރު ބޭނުންކުރަން ފަށައިފިކަން އިޢުލާނުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް އެޅުނު މި މުހިންމު ފިޔަވަޅު ފާހަގަކޮށްފައިވެއެވެ.

2023 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ޕޮއިސްޑް ޕްރޮޖެކްޓް ތ. އަތޮޅު ބުރުނީ ފިޔަވައި އެ އަތޮޅު ހުރިހާ ރަށެެއްގައި އެބަ ކުރިއަށްދެއެވެ. އަދި ޕޮއިސްޑް ޕްރޮޖެކްޓްގެ މަސްއްކަތްތައް ހދ، ހއ. ށ. އަދި ނ އަތޮޅުގައިވެސް ފެނަކައިން އެބަ ކުރިއަށް ގެންދެއެވެ. މި ޕްރޮޖެކްޓް ނިމުމުން ކަރަންޓު ދިނުމަށް ފެނަކައިން ތެލަށް ކުރާ ހަރަދުން ކޮންމެ އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އެ ކުންފުނިން ބުނެއެެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކާބަންޑައިއޮކްސައިޑުގެ މިންވަރު ހަތަރު ޓަނު މަދުކުރެވޭނެކަމަށް ވެސް ފެނަކައިން ބުނެއެވެ.