ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ޖުމްލަ 19،186،851.5 ރުފިޔާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ހަވާލު ކޮށްފިއެވެ.

މި ފައިސާގެ ރަމްޒީ ޗެކު ހަވާލުކުރެއްވީ، އިއްޔެ ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވުނު ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން އެ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން، ރާއްޖޭގެ އެހެނިހެން މީޑިއާތަކާވެސް ގުޅިގެން ބޭއްވި ޓެލެތޯނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ، ޓެލެތޯންގެ ހުރިހާ ކަމެއް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މީގެއިތުރުން ޒިނާ ވިދާޅުވަނީ ޕީއެސްއެމްއަށް އެ ޓެލެތޯން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ އެހީތެރިކަމާއެކުގައި ކަމަށާއި ހާއްސަ ގޮތެއްގައި ވީޓީވީ، އަސްލުޓީވީ، ރާއްޖެ ޓީވީ، އެންޓީވީ، ސަންޓީވީ، ދިވެހިޗެނަލް، ޓީވީއެމް، އަދި ޕީއެސްއެމް ނިއުސް، ދިވެހިރާއްޖޭގެ އަޑު އަދި އޮންލައިން ނޫސްތަކުންވެސް އެ ޓެލެތޯންގެ މައުލޫމާދު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ވެދިން އެހީތެރިކަމަށާއި ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި ޓެލެތޯނުން ލިބުނު ފައިސާ މިއަދު ފޮރިން މިނިސްޓްރީއާ ހަވާލު ކުރި އިރު، މި ފައިސާ، ފަލަސްތީނުގެ ރައްޔިތުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ، ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ.

ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ބޭއްވި ޓެލެތޯން ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ޖޫން މަހުގެ 12 ވަަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 13 ވަަނަ ދުވަހަށެވެ.