މާފަންނުކޮޅުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވައިދާ ހިލާފަށް ޑޮލަރު ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރޭ ފުލުހުންގެ އެހީތެރިކަމާ އެކު މާލޭގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުންނަ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދާ ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެމީހުން ހައްޔަރުކުރީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ރެއިޑް އޮޕަރޭޝަންއެއްގައެވެ.

ދެ ބިދޭސީއަކު ހައްޔަރުކޮށްފައި ވަނީ ސޯސަލް ސެންޓަރު ކައިރީ ހުންނަ ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރިންނެވެ. މި ދެ މީހުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާތައް ފެންނަ ފޮޓޯއެއްވެސް އިމިގްރޭޝަނުން ވަނީ އެކްސްގައި ކުރި ޕޯސްޓަކުން އާންމުކޮށްފައެވެ.

މި ދެ މީހުންނަކީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބައެއް ކަމަށް ވެސް އިމިގްރޭޝަންގެ ޕޯސްޓުގައިވެއެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަންއިން ބުނެއެވެ.

މިދިޔަ މާޗު މަހުވެސް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 6 ބިދޭސީންއެއް ޑޮލަރު ވިއްކަން އުޅެނިކޮށް ހައްޔަރުކޮށް ޑީޕޯޓުކޮށްފައިވާކަމަށް އިމްގްރޭޝަން އިން ވިދާޅުވިއެވެ.