ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިދިޔަ އަހަރު ފެނަކަ ކޯޕަރޭޝަނަށް ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދޭން ކަނޑައަޅާފައިވާ މިންވަރަށްވުރެ 26 އިންސައްތަ އިތުރަށް ދީފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިޢުކޮށްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓް ރިވިއު އޮޑިޓުން ދައްކައިފިއެވެ.

2023 ވަނަ އަހަރު ކަރަންޓު ސަބްސިޑީގެ ގޮތުގައި ކަނޑައެޅިފައިވަނީ 763 މިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރުގެ ފުރަތަމަ 9 މަހުގެ ތެރޭގައި 962 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އޮޑިޓު ރިޕޯޓުއިން ދައްކައެވެ. މިއީ ފާސްކޮށްފައިވާ ބަޖެޓަށްވުރެ 26 އިންސައްތަ އިތުރު އަދަދެކެވެ.

އިޞްލާޙުކޮށްފައިވާ ބަޖެޓުގައި ކަރަންޓު ސަބްސިޑީގެ ގޮތުގައި 1,150 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި މިއީ ފާސްކޮށްފައިވާ ބަޖެޓަށްވުރެ 51 އިންސައްތަ މަތީ އަދަދެކެވެ. އަދި 2023 ވަނަ އަހަރުގެ ފުރަތަމަ 9 މަހުގައި ސަބްސިޑީގެ ގޮތުގައި ދީފައިވާ ޖުމުލަ އަދަދުގެ 87 އިންސައްތަ ދީފައިވަނީ ފެނަކަ ކޯޕަރޭޝަންއަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފެނަކަ ކޯޕަރޭޝަންއަށް ދޭ ސަބްސިޑީ ބޭނުންކުރަނީ މައިގަނޑު ގޮތެއްގައި އެ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުރުމަށެވެ. މީގެ އިތުރުން، ފެނަކައުގެ ސަބަބުން ބަޖެޓަށް ކުރާ ބުރަ ކުޑަކުރުމަށްޓަކައި، ސަބްސިޑީ ދޭ މިންވަރު 600 މިލިއަން ރުފިޔާގައި ހިފެހެއްޓުމަށް މެދުރާސްތާގެ މާލީ ސިޔާސަތުގައި ލަފާދީފައިވާކަންވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.