އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން، ނ. ކުޑަފަރީ ސްކޫލު މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބަރ ސެންޓަރާއި ނ. ކުޑަފަރީ ޕޮލިސް ޕޯސްޓު ގުޅިގެން ޖޫން 30 އިން ޖުލައި 1 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައިވާ ކަމަށެވެ.

އެގޮތުން، ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ފުރާވަރު ކުދިންނަށް އަމާޒުކޮށް އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވެތިބުމަށް މަސައްކަތްކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިންޓަނެޓު ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި އެއްވެސް ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.

މީގެއިތުރުން، އިންޓަނެޓުގައި އާންމުކޮށްގެން ނުވާނެ މައުލޫމާތަކީ ކޮބައިކަން ދަރިވަރުންނަށް ބުނެދީފައިވެއެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ގަނާކުރުމާއި އެކަމުގެ ޝިކާރައަށްވާ މީހުންނަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ އިތުރުން އެފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.

އަދި ބެލެނިވެރިންނާއި ސްކޫލު މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގައި ބޭނުންކުރަމުން ގެންދާ އެންމެ ފަހުގެ އުކުޅުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާނުކުރުމަށް މައުލޫމާތުދިނުމުގެ އިތުރުން، ދަރިން ގެންގުޅޭ މޮބައިލްފޯނާއި ޓެބްލެޓް ފަދަ ތަކެތި މޮނީޓަރ ކުރެވޭނެގޮތްތައް ވެސް ކިޔައިދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގައި މައުލޫމާތުދީފައިވަނީ ސައިބަރ ސެންޓަރުގެ ފުލުހުންނެވެ.