ފުލުުހުން ރައްޔިތުންނާ ގުޅިގެން ގާތުން ހިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދޫގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫއިން 9 އަހަރާއި 40 އަހަރާ ދެމެދުގެ 56 ބައިވެރިންނާއެކު ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި ލީޑް އިންސްޓްރަކްޓަރުގެ ގޮތުގައި މަސައްކަތް ކުރެއްވީ, ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމެންޓުގެ ސުވިމިން އިންޓްސްޓްރަކްޓާ, ސީނިއާ ސާޖަންޓް މުހައްމަދު އަލީ ދީދީއެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުހެ ދެވަނަ ދުވަހާ ހަމައަށް ދިގުލައިގެން ދިޔަ މި ޕްރޮގްރާމުގައި ބައިވެރި 56 ބައިވެރިންގެ ތެރެއިން ޕްރޮގްރާމުގެ ސްޓޭންޑާޑް ލެވެލްއިން ފާސްވެފައިވަނީ 37 ބައިވެރިންނެވެ.

ޕްރޮގްރާމް ނިންމާލުމަށް ޓަކައި ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ, ބައިވެރިންނަށް ސެޓުފިކެޓު ހަވާލު ކޮށްދެއްވީ ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާއެވެ.

ކާމިޔާބުކަމާއެކު ހުޅުމީދޫގައި ފުރިހަމަކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ސަޕޯޓު ސާވިސް މުވައްޒަފުންނާއި ލ. ގަން ޕޮލިސް, ހިތަދޫ ޕޮލިސް, ފުވައްމުލަކު ސިޓީ ޕޮލިސް އަދި އެސް.އޯ އައްޑޫ ޑިޕްލޮއިމަންޓުގެ ފަރާތުން ލިބުނު އެއްބާރުލުން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.