މެންޗެސްޓާ ޔުނައިޓެޑްއިން މިހާރު އެ ކްލަބަށް ކޯޗުކަން ކޮށްދެމުން އަންނަ އެރިކް ޓެންހާގްއާއެކު ހަދާފައިވާ ކޮންޓްރެކްޓު އާކޮށްފިއެވެ.

ޔުނައިޓެޑުން ޓެންހާގްއާއެކު ކުރިން ހަދާފައިވާ ކޮންޓްރެކްޓް ދެން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ޔުނައިޓެޑުން ވަނީ, ދެން އަންނަ ސީޒަނަށް ފަހު ވެސް ޓެންހާގް އެ ކްލަބުގައި ބެހެއްޓުމަށް ޓަކައި, 2026 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އޭނާގެ ކޮންޓްރެކްޓް އާކޮށްފައެވެ.

ޔުނައިޓެޑުން ޓެންހާގްއާއެކު ކޮންޓްރެކްޓް އާ ކުރުމުން އޭނާ ވަނީ އެކަމާ މެދު އުފާ ކުރާ ކަމަށް ހާމަކޮށްފައެވެ. ޓެންހާގް ހާމަކުރި ގޮތުގައި ޔުނައިޓެޑަށް އިތުރު ކާމިޔާބީތައް ހޯދައިދިނުމަށް ޓަކައި އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.

"އަހަރެން ވަރަށް އުފާވެއްޖެ ޔުނައިޓެޑާއެކު ކުރިއަށް ދިއުމަށް ޓަކައި ކްލަބާއެކީ އެއްބަސްވުމަކާ ހަމައަށް އާދެވުނީމަ. އަހަރެމެންގެ ކުރިމަތީގައި އޮތީ ވަރަށް ބޮޑު އަދި ބުރަ މަސައްކަތެއް. ޔޫރަޕިއަން ޓައިޓަލްސްއާ ހަމައަށް ވާސިލުވަންޏާ އަހަރެމެން ޖެހޭ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން" ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ޓެންހާގް ބުންޏެވެ.

އެރިކް ޓެންހާގް, މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 2022 ވަނަ އަހަރެވެ. ޓެންހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ދުނިޔޭގެ އެންމެ މަތީ ފެންވަރަށް އެރިފައިނުވާ ކަމުގައިވިއަސް, އެ ޓީމުގެ ނަތީޖާތަކަށް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައެވެ. މި ދިޔަ ސީޒަނުގައި ޓެންހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ލީގުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމުގައިވިއަސް, އޭނާ ވަނީ ޔުނައިޓެޑަށް އެފްއޭ ކަޕު ހާސިލުކޮށްދީފައެވެ.