ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މައުލޫމާތުދިނުމުގެ ހަރަކާތްތަކެއް ތ. ގުރައިދުއާއި ބުރުނީގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ގުރައިދޫ ޕޮލިސް ސްޓޭޝަނުން ޖުލައި 2 ވަނަ ދުވަހު އެ ރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް މުޖުތަމައުގައި މިހާރު އާއްމުވަމުންދާ ކުށްތަކާއި ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެގޮތުން މަކަރާހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށް ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުން ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ބުނީ އޮންލައިންކޮށް ފައިސާދައްކާފައި ފޮނުވާ ސްލިޕަކީ ސައްހަ ސްލިޕެއްތޯ ކަށަވަރުކުރުމަށާއި ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީންކުރުމަށާއި އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅައި އީމެއިލް އަދި ޕާސްވޯޑް ދިނުމަށް އެދުނުކަމުގައިވިޔަސް ހިއްސާނުކުރުމަށާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް މައުލޫމާތުވެސް ދީފައިވާ ކަމަށެވެ.

މި މަހު 1 ވަނަ ދުވަހު ބުރުނީ ޕޮލިސް ޕޯސްޓުން އެ ރަށުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އާންމުކޮށް ރައްޔިތުން އެއްވެ އުޅޭ ހޮޅު އަށިތަކާއި ޖޯލިފަތިފަދަ ތަންތަނަށް ޒިޔާރަތްކޮށް، ތަފާތު އުމުރުފުރާގެ މީހުންނާ ބައްދަލުކޮށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން، މިހާރަކަށް އައިސް މުޖުތަމައުގައި ހިނގަމުންދާ ކުށްތަކާއި ކުށުގެ އެފަދަ އަމަލެއް ހިނގުމުން ނުވަތަ ހިނގާތަން ފެނުމުން އަމަލު ކުރަންވީ ގޮތާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށާ އަދި ރައްކާތެރި ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުމަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، މަކަރާއި ހީލަތުގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކާއި އެއްގަމު އުޅަނދު ދުއްވުމުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައިވެއެވެ. މި ޕްރޮގްރާމަށް ބުރުނީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.