ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯގައި ރޭގައި ކުޅުނު ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުން 2-1 އިން މޮޅުވެ, ސްޕެއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
ސްޓުޓްގާޑް އެރީނާގައި ކުޅެވިގެންދިޔަ ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ސްޕެއިންއެވެ. މި ލަނޑަކީ, ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ސްޕެއިންއިން މެޗުގެ ލީޑު ނެގުމާއެކު ޖަރުމަނުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, ސްޕެއިންގެ ގޯލަށް އިތުރަށް ނުރައްކާ ކޮށްފައެވެ. އެ ގޮތުން މެޗުގެ 77 ވަނަ މިނެޓުގައި ޖަރުމަނުގެ ފްލޯރިއަށް ވާޓްޒް ނަގައިދިން ހުރަހަކުން ނިކްލަސް ފޫލްކްރޫގް ފޮނުވާލި ހަމަލާ ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަރާފައެވެ.
މެޗުގެ ވަގުތު ހަމަވާން ކައިރިވި އިރު ވެސް ހިތްވަރު އެލުވާނުލައި ޖަރުމަނުން ސްޕެއިންގެ ގޯލާ އަމާޒުކޮށް ފޮނުވަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ, މެޗުގެ 89 ވަނަ މިނެޓުގައި ވާޓްޒް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެ މެޗުގެ ނަތީޖާ ހަމަހަމަ ވުމެވެ. މެޗުގެ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ވާޓްޒް ކާމިޔާބު ކުރި މި ލަނޑާއެކު މެޗު ވަނީ އިތުރު ވަގުތަށް ގޮސްފައެވެ.
މެޗުގެ އިތުުރު ވަގުތުގައި ވެސް ވަނީ މެޗުގެ ތެރޭގައި ފެނިގެންދިޔަ ވާދަވެރިކަން ފެނިފައެވެ. އިތުރު ވަގުތުގައި ޖަރުމަނަށް ލިބިގެންދިޔަ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 119 ވަނަ މިނެޓުގައި ސްޕެއިންއިން ލަނޑު ޖަހާ މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިކެލް މެރީނޯއެވެ. ފަހު ވަގުތު މިކެލް ކާމިޔާބު ކުރި މި ލަނޑާއެކު ސްޕެއިން ވަނީ ޖަރުމަނުގެ ކަޓުވާލައި, ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
ޖަރުމަނު މުބާރާތުން ކެޓި އިރު, މި މެޗަކީ އެ ޓީމުގެ ދެ ލެޖެންޑުން ކަމުގައިވާ ޓޯނީ ކްރޫސް އަދި ތޯމަސް މުލާ ގައުމީ ޓީމަށް ކުޅެދޭ ފަހު ފަހަރެވެ. މި މެޗަށް ފަހު ކްރޫސް ފުޓުބޯޅައިން ރިޓައާވާ އިރު, މުލާ ހާމަކުރި ގޮތުގައި މި މެޗަށް ފަހު އޭނާ ގައުމީ ޓީމުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
ޖަރުމަނު ރޮއްވާލައި ސެމީއަށް ދަތުރުކުރި ސްޕެއިން ސެމީ ފައިނަލުގެ ނިކުންނާނީ, މިއަދު ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ސެމީއަށް ދަތުރު ކުރި ފްރާންސްއާ ދެކޮޅަށެވެ. މި ފޯރިގަދަ ސެމީ ފައިނަލު އޮތީ 10 ޖުލައި ވާ ބުދަ ދުވަހު ރާއްޖެ ގަޑިން 00:00 ގައެވެ.