ރާއްޖޭގެ އުތުރު ސަރަހައްދުގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގެ ރައްޔިތުންނަށް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިހާރުވެސް ދަނީ މެދު ނުކެނޑި ކުރަމުންނެވެ.

މިގޮތުން ކުޅުދުއްފުށީ ސިޓީ، ރ. ހުޅުދުއްފާރު އަދި ހއ. އިހަވަންދޫގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް އެބަ ކުރިއައްދެއެވެ. ކުޅުދުއްފުށި ސިޓީއަށް ބަލާލާއިރު، މިވަގުތު އާރްޑީސީއިން ދަނީ އެރަށު ދޮންއުމަރުކަލޭފާނު މުގުގެ ޕޭވިންގެ މަސައްކަތް ކުރަމުންނެވެ، އަދި ސަހަރާ މަގުގައި ސްޓޯރމް ވޯޓަރ އެކްސްކެވެޝަން އަދި ސްޓޯރމް ވޯޓަރ ޕައިޕް ލައިން ގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ، މީގެ އިތުރުން ދަނޑުމަގުގެ މަގުމަތީ ބައްތިތަކުގެ ކޭބަލް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އާރްޑީސީއިން ބުނެއެވެ. ރ. ހުޅުދުއްފާރުގެ ބޮޑުތަކުރުފާނު މަގުގައި ސްޓޯރމް ވޯޓަރ ކެޗްފިޓް ބެހެއްޓުމުގެ މަސައްކަތާއި އެރަށު މަޖީދީމަގުގައި މަގުމަތީ ބައްތިތަކުގެ ކޭބަލް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އާރްޑީސީއިން ބުނެއެވެ. ހއ. އިހަވަންދޫގައި ކުރިއަށްގެންދާ މަސައްކަތްތަކު ތެރޭގައި ސައިޓް ސާފު ކުރުމާއި ކާރބް ސްޓޯން ކާސްޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އެރަށު ސްކޫލުގެ ފުޓްސަލް ދަނޑުގެ މަސައްކަތްވެސް އާރްޑީސީއިން ދަނީ ކުރަމުންނެވެ،އާރްޑީސީން އަންނަނީ މާލެގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް އެކި މަސައްކަތްތައްކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންނެވެ.