ދިވެހިރާއްޖޭގައި ބިދޭސީންނަށް ވިޔަފާރިކުރުން މަނާ 25 ދާއިރާއެއް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޢުލާނުކޮށްފައެވެ.

މި ފިޔަވަޅަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އިސްކަންދިނުމަށް އެޅޭ ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަޢުދުވެވަޑައިގެންފައެވެ.

ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތައް

• ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)

• ހޯލްސޭލް ޓްރޭޑް - އިމާރާތްކުރުމަށް ބޭނުންވާ މުދާފިޔަައި

• ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް

• ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް

• ކާބޯތަކެތި ވިއްކުމުގެ ޚިދުމަތް (ކެފޭ، ރެސްޓޯރެންޓް އަދި ބޭކަރީ ހިންގުން)

• ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރިތައް (އިމާރާތް ކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)

• އެމްޕްލޯއިމަންޓް އޭޖެންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތް

• ޓްރެވަލް އޭޖެންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް

• ލޭންޑްސްކޭޕިން މަސައްކަތް

• ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް

• ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން

• ޖެނެރަލް ކްލނިކް ހިންގުމުގެ މަސައްކަތް

• ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް

• ޕްރޮގްރާމިން އަދި ބްރޯޑްކާސްޓިން މަސައްކަތް

• ޤާނޫނީ ވަކީލުންގެ ޚިދުމަތް

• ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް

• ޕިކްނިކް އައިލެންންޑް ތަރައްޤީކުރުމާއި ހިންގުން

• ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން

• ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން

• ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން

• ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން

• ލަކުޑިން ތަކެތި އުފެއްދުން ( ފަރުނީޗަރު ފިޔަވައި)

• މައިނިންގ އެންޑް ކޮރީންގްގެ މަސައްކަތް

• މައިނިންގ އޮފް ސޭންޑް

• ފޮރެސްޓްރީ

ދާދި ފަހުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮއްފައެވެ. މި މީހުންނަކީ އަމިއްލައަށް މަސައްކަތްކުރާ އަދި ހުއްދަނެތި ވިޔަފާރިކުރާ މީހުންކަމަށް ފާހަގަކުރެވުނެވެ. ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވިދާޅުވީ ހައްޔަރުކުރެވުނު މީހުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޑިޕޯޓްކުރެވޭނެ ކަމަށެވެ.

ސަރުކާރުން ވަނީ އަންނަ އަހަރު މުޅި ރާއްޖެއަށް މި އޮޕަރޭޝަން ފުޅާކުރުމަށް ރާވައި، ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ޖަމާކުރުމަށް އަމާޒު ހިފާފައެވެ. އަދި ސަރުކާރުން ވަނީ 3 އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަމާޒު ހިފާފައެވެ.