އާނ. އަހަރެން ދެކުނީމޭ ސަބާނާގެ ދެ ދަރިން ދެންމެ ބަނދަރުމަތިން އަންނަނިކޮށް. ސަބާނާއަށް އަދި ހަގު މީހާ ވެސް އައިކަން އެނގުނީ ބަލައި ދާންވެގެން ބަނދަރުމައްޗަށް ދިޔަފަހުން ހެން ހީވަނީ. އޭނާގެ ދޮށީ ދަރި ދެވަންވެގެނޯ އެގެނައީ" އަޒިކިޔަލްގެ ސަމާލުކަން ދަމައިގަތީ ސަބާނާގެ ދަރިންގެ ވާހަކަ ބޭރުން އިވުމުންނެވެ. ހިތަށް ވެރިވެގެންދިޔަ ނުތަނަވަސްކަން ފޮރުވުމަށް މަސައްކަތްކުރަމުން އަޒިކިޔަލް ކުޑަކޮށް ބޭރަށް ބޯދީ ބަލާލިއެވެ. ބޭރުގައި އަންހެނުންގެ ކޮމިޓީގެ ތިން އަންހެނުންނާއެކު ރުގުބާ އާއި އަޒިކިޔަލްގެ މަންމަ އާޒިފާ ތިބީ އޮލަ ވާހަކައިގައެވެ. ނަމަވެސް އާޒިފާ ހުރީ ދައްކަމުންދިޔަ ވާހަކައާ ގަޔާނުވާފަދަ ގޮތަކަށް މަގުގެ އަނެއްފަރާތަށް މޫނު ލައިގެން ހަށަމަށް އަތް އަރުވައިގެންނެވެ.

"ނާހަމަތެދެއް؟" ރުގްބާގެ އަތްމަތީ ބަސް ދަމާލުމާއެކު އަންހެންވެރިންތަކުގެ މެދުގައި ވާހަކަ ކިޔައިދެންހުރި މީހާ އެއް ވާނަކަށް އާނއެކޭ އަޅުވާލައިފިއެވެ. އަޒިކިޔަލްއަށް އެ އަންހެން މީހާގެ މޫނު ފެނުމާއެކު ސަހަރޯ ހީވިއެވެ. ރަށުގެ ދެފައިލީ ނޫސް ކަމަށްވާ ޝަރަފާ, ފަލަ ސުރުހީ އަޅުވާލައިފައި އެ ހުރީ އެ ގޭ ފުޅަށް ބުޑުގައެވެ. އެތާ އެ މީހުން ތިއްބާ ދެން ނިކުންނާކަށް ވެސް ލާހިކެއް ނޫނެވެ. އަނެއްކާ ފަހަތުން އޭނާ ކުރާ ކަމަކަށް ފާރަވެރިވެ މި ހުރީ އަނެއް ބޮލުގެ ރިހުމެވެ.

ދެ އިނގިލިން ނިތްކުރިއަށް އަޅާ އޮއްބާލުމާއެކު އަޒިކިޔަލް ފަހަތަށް އެނބުރިލިއެވެ. އެ ވަގުތު ކުރިމައްޗަށް ހުރަސްވެހުރެ ސީދާ މޫނަށް ބަލަހައްޓައިގެން ހުރި އަޝްބާ ފެނި އޭނާގެ މޫނަށް ވެރިވީ ފޫހި ކަމުގެ ކުލަވަރެވެ. ބަދިގޭގެ ދޮރު ހުޅުވާފައި ހުރިއިރު މަގުމަތިން ދާ މީހުންނަށް ދޮރުމަތީގައި ވާ ކަންކަން ކޮންމެ ވެސް ވަރަކަށް ފެންނާނެއެވެ. ރަށުގެ ދުވަހީ ނޫސް ހޫނުކޮށް ފަތުރަނިކޮށް މި ގޭތެރެއިން އޭނާ އާއި އެހެން އަންހެނަކު ޝާމިލުކޮށްގެން އަލިފްލައިލާ ވާހަކަ ނެރިގެން ކިޔާކަށް އަޒިކިޔަލްގެ ހިތެއް ނޭދެއެވެ.

އެންމެ ހިނދުކޮޅަކު ވެސް އެތާނގަ ހުންނަން ނޭދޭތީ, އަޝްބާއަށް އެއް ފަރާތަށް ޖެހިލުމަށް އިޝާރާތް ކޮށްލަމުން އަޒިކިޔަލް އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. މިއަދު އޭނާގެ މަސައްކަތް ފަށާ ގަޑި ވެސް ލަސްވީއެވެ. އެހެންޏާ ސަބާނާ ޔޫހް ބަލައި އައުމުން އެ ކުއްޖާފުޅު ހަވާލުކުރުމަށްފަހު އޭނާ އިންނަނީ އޮފީހުގެ މަސައްކަތްތަކާ ނުހަނު ބޮޑަށް މަޝްއޫލުވެގެންނެވެ. އެހެނަސް މިއަދު ކަންކަން ވަމުން އަންނަ ގޮތުން އޭނާގެ މުޅި ދުވަހީ ތާވަލަށް ބުރޫ އަރާފިއެވެ.

މަސައްކަތްތަށް ނިންމުމުގެ ނިޔަތުގައި ލެޕްޓޮޕު ކައިރީ ޖައްސާލި ގޮތަށް ނިދިފައި އޮތް އަޒިކިޔަލްއަށް ހޭ ވެރިކަމެއްވީ, އަސުރު ނަމާދުގެ ބަންގީގެ އަޑަށެވެ. ނިދިން ތެދުވެ ހިންދަމާލަުން އަޒިކިޔަލް ކޮޅަށް ތެދުވެލީ, މަންމަ އޭނައަށް ގިރައިގެން ގެނެސްދިން ކޮފީ ޖޯޑު ހިފައިގެންނެވެ. ހިހޫވެފައި ހުރި ކޮފީޖޯޑު ކާގޭގެ ސިންކަށްލުމަށް ކޮޓަރިން ނިކުތް އަޒިކިޔަލްއަށް ކާގެއިން ބަޔަކު ވާހަކަދައްކާ އަޑު އިވުނެވެ.

މަޑުފިޔަވަޅުތަކެއްގައި ކާގެއާ އަރާހަމަވި ވަގުތު އެތެރެއިން އަޒިކިޔަލްގެ މަންމަ ގޮވާލި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. ނަފްސު ހަމައަކަށް އަޅުވާލަމުން އޭނާ އެތެރެއަށް ވަނީ މަންމަގެ ގޮވާލުމަށް އިޖާބަދެމުންނެވެ. އެ ވަގުތު ކާމޭޒު ކައިރީގައި ފޯއްދުފާ ރަތްކޮށްގެން އިން ރުގްބާ ފެނި އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މީނާ ރަށުގައި ހުންނަ އިރަކު ވިއްޔާ މި ގޭގެ ވަސްނުދުވާ ހިސާބެއްގައި ހިނދުކޮޅަކަށް ވެސް ނުހުރެވެނީބާއޭ އަޒިކިޔަލް ހިތަށް އެރިއެވެ.

"ދަރިފުޅާ... ރުގްބާއްތަ އެބަކިޔާ މިތާ ކައިރީ ފަޅުރަށް ސާފުކުރަންދާން ނަން ނޯޓުކުރަން. މަންމައަށް ދަރިފުޅު ނުލައި ނުދެވޭނެ. މަންމައާއެކީ ދަރިފުޅު ދާނަން ދޯ؟" ވަގުތުން ދެކޮޅު ހަދަން ހިތް އެދުނަސް މަންމަގެ ބެލުމުން އަޒިކިޔަލްގެ ދުލުގައި ތަޅެއް އެޅުވިއްޖެއެވެ. މަންމަގެ ހިތްހަމަޖެހުމަށް ޓަކައި އާނއެކޭ ބުނަން ބޭނުންވިއަސް ރުގުބާގެ މޫނުމަތީގެ ކުލަވަރުން މި ދަތުރަށް އެ ދެމައިން ގެންދިއުމުގެ ފަހަތުގައި އޭނާގެ އަމިއްލަ ބޭނުމެއް އޮތްހެން އަޒިކިޔަލްއަށް ހީވިއެވެ. ނަމަވެސް ނޫނެކޭ ބުނެގެން މަންމަގެ ހިތްހަމަނުޖެހުމާ ކުރިމަތިލުމަށްވުރެ މަންމަ ގޮވައިގެން އެ ރަށަކަށް ދިއުން މާ ބުއްދިވެރިކަމަށް އަޒިކިޔަލް ނިންމިއެވެ.

މަންމަގެ މޫނަށް ބަލާލަމުން އެއްބަސްވުމުގެ ގޮތުން އަޒިކިޔަލް ބޯޖަހާލިއެވެ. އެ ވަގުތު ރުގްބާގެ މޫނަށް ވެރިވެގެންދިޔަ ޒީލަގަދަ ހިނިތުންވުން އޭނާއަށް ނުހަނު ރަނގަޅަށް ފާހަގަވިއެވެ. ފުންވިސްނުމެއްގައި ހުރެ އަޒިކިޔަލް އެނބުރި ކޮޓަރިއަށް ވަންނަން ހިނގައިގަތީ މާދަމާ އެ ފަޅު ރަށަށް ފުރުމުގެ ކުރިން ކުރަންހުރި މަސައްކަތްތައް ނިންމާލެވޭތޯއެވެ.

ލެޕްޓޮޕް ކައިރީ އިން ނަމަވެސް އަޒިކިޔަލްއަށް މަސައްކަތްތަކަށް ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. އިދިކީލި ވިސްނުންތަކުން މީހާ ހާސްވަނީއެވެ. ނުރަނގަޅު ކަމެއް ވާން އުޅެނީ ކަމަށް ހިތް ބުނަނީއެވެ. ނުބައި ހިޔާލުތަކަކަށް މީހާ އެއްކޮށް ބެހިގެން ނުދަނީސް އަޒިކިޔަލް ތެދުވީ އަސުރު ނަމާދުގެ މަތިން ހަނދާންވުމުންނެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ނިކުތްއިރު ގޭ ކައިރި މިސްކިތުން ގަމަތް ދޭ އަޑު އިވެއެވެ.

މަގަށް ނިކުމެ މިސްކިތާ ދިމާއަށް ހިނގައިންގަން ވަގުތު ކުނި ބަރޮލެއް ދުއްވަމުން މަގުގެ ކޮޅުން ޝަރަފާ އަންނަތަން އޭނާއަށް ފެނުނެވެ. ކޮންމެ ދުވަހަކު އަސުރުން ފައިބައިގެން މަންމައަށް ހެދިކާ ހަދަން އެހީވުމުގެ ނަމުގައި ޝަރަފާ އާއި ދެ ތިން އަންހެނުން އެ ގެއަށް އާދެއެވެ. އެ ވަގުތު ގޭގެ ބަދިގޭގައި ހެދިކާ ތެލުލަން އުނދާ ތެޔޮގަނޑަށްވުރެ އެ މީހުންގެ ވާހަކައިގެ ހޫނުމިން މާ މައްޗެވެ. އިރުކޮޅަކާ އެންމެން އެކީ ޕަކަޕަކަ ލައި ޖަހާ ހިނިގަނޑުން ހީވަނީ ރަށު ރައްޔިތުން އެއް ނުކުރެވިގެން އުޅޭ ހެންނެވެ.

އެއީ، އެއް އިރަކު ވެސް އަޒިކިޔަލް އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ގޭތެރޭގައި އަންހެންވެރިން އެއްކޮށްގެން އިނުން ރަނގަޅު ނުވާނެއޭ މަންމަ ގާތު ބުނި ދުވަހު ގޯސްވީ އޭނައެވެ. އެހެންކަމުން އޭގެ ފަހުން އެ ކަމާ ގުޅިގެން އޭނާ މަންމަ ކައިރީ އެއްޗެއް ބުނާކަށް އަޒިކިޔަލްއަކަށް ނުކެރެއެވެ.

އަވަސް ފިޔަވަޅުތަކެއްގައި މިސްކިތަށް އަރަން ހިނގައިގަތް އަޒިކިޔަލްއަށް ހުއްޓެވުނީ ޔޫހް އޭނާގެ ނަމުން ގޮވާލި އަޑަށެވެ. ހައިރާންކަމުގެ ހިނިތުންވުމަކާއެކު އަޑު އައި ދިމާލަށް އޭނާ ބަލާލިއެވެ. އެ ވަގުތު އޭނާގެ ހިނިތުންވުން ވަގުތުން ފިލައިގެން ގޮސްފިއެވެ. ޔޫހް އުރައިގެން ހުރެ ކުރި މައްޗަށް އެރި މީހާއާ ހަތަރުކަޅި ހަމަވި އިރު އަޒިކިޔަލްގެ ހިތަށް އައީ ބަޔާން ކުރަން ދަތި އިހުސާސެކެވެ.

(ނުނިމޭ)