ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަން، ޔޫރަޕިއަން ޔޫނިއަންގެ ހުއްދައެއް ނެތި މޮސްކޯގައި ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިންއާ ބައްދަލުކުރައްވައިފިއެވެ.

ދެ ލީޑަރުން ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ޕުޓިން ބާރުއަޅާފައިވަނީ ހުރިހާ މަޝްވަރާއެއްގައި މޮސްކޯގެ ސުލްހައިގެ ހުށަހެޅުންތަކަށް އިސްކަންދޭންޖެހޭނެ ކަމަށެވެ.

ރަޝިޔާއާއި ޔޫރަޕާ ދެމެދު ވާހަކަދެއްކުންތައް އަލުން ފެށުމަށް މަސައްކަތްކުރުމާގުޅިގެން ޕޫޓިން އޯބަނަށް ޝުކުރު އަދާކުރައްވާފައިވެސްވެއެވެ. ނަމަވެސް ޔުކްރެއިން އަދިވެސް ހަނގުރާމަ ނިންމުމަށް އިދިކޮޅުހަދާކަން ފާހަގަކުރިއެވެ.

ކުރިން ކީވްއަށް ގޮސް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީއާ ބައްދަލުކުރި އޯބަން ބުނެފައިވަނީ ހަނގުރާމަ ނިންމުމަށް "ގިނަ ފިޔަވަޅުތަކެއް" އަޅަންޖެހޭ ކަމަށެވެ. އޭނާ ވާހަކަދެއްކުމުގެ މުހިންމުކަން ފާހަގަކޮށް، ކީވްއާއި މޮސްކޯގެ ތަފާތު ނަޒަރިއްޔާތުތައް ހުރިކަން ޤަބޫލުކުރިއެވެ.

އޯބަންގެ މި ޒިޔާރަތް އައީ ހަންގޭރީން ޔޫރަޕިއަން ޔޫނިއަންގެ ދައުރުވީ ރިޔާސަތާ ހަވާލުވެހުރެ، ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫރަޕިއަން ޔޫނިއަންގެ އިސްވެރިން، އޭގެ ތެރޭގައި ޙާރިޖީ ވެރިޔާ ޖޮސެޕް ބޮރެލް އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަރ ލެޔަން ހިމެނޭގޮތަށް، އޯބަންގެ ޒިޔާރަތާ ދުރުވެފައިވެއެވެ. ބޮރެލް ސާފުކޮށްދީފައިވަނީ އޯބަންއަށް ޔޫރަޕިއަން ޔޫނިއަން ތަމްސީލުކުރުމުގެ ހުއްދައެއް ނެތްކަމަށެވެ. އަދި ވޮން ޑަރ ލެޔަން ބާރުއަޅާފައިވަނީ ޔުކްރެއިންގައި ދެމެހެއްޓެނިވި ސުލްހައެއް ހޯދުމަށް އެއްބައިވަންތަކަން މުހިންމު ކަމަށެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް ތަކުރާރުކޮށް ވިދާޅުވީ ޔޫކްރެއިންއާ ބެހޭ ގޮތުން ދެކެވޭ ކޮންމެ މަޝްވަރާއެއްގައި ވެސް ޔޫކްރެއިން ވެސް ހިމަނަން ޖެހޭ ކަމަށެވެ.