ހިޖުރީ އައު އަހަރެއްގައި، އައު ކުރަންވީ އެއް ޢަޒުމަކީ އެއްބައިވަންތަވެ، ގައުމުގެ ކަންކަން އިސްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްމިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެ.

މި މުނާސަބާގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި ރައްޔިތުންނާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުޚުއްވަތްތެރި މުސްލިމުންނަށް ފޮނުއްވަމުން ރައީސް ވަނީ ހިޖުރައިގެ މަތިވެރި ތާރީހުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

އެމަނިކުފާނުގެ ހިތާބުގައި، ގައުމުގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަކަމާއި، އާއިލާތަކުގެ ބަދަހިކަމަށް މަސައްކަތްކޮށް އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި އިސްރާފު ނުކުރުމާ، ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފުމަކީ މުޅި ގައުމުގެ އިގްތިސާދަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަމާ، އައު އަހަރުގެ އަޒުމަކަށް ހަދަންވީ ރާއްޖޭގެ މާދަމާގެ ސަލާމަތާ، ފުދުންތެރިކަމަށް ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުންކަން ފާހަގަކުރައްވާފައިވެއެވެ.

ހިޖްރީ އައު އަހަރަކާ ބައްދަލުކުރާއިރު، ފަލަސްތީނުގެ މުސްލިމް އަހުންނާ އުހްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ، ހަނގުރާމައިގެ ނާމާން ހާލަތަކީ މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ގުޅިގެން އެއް އުންމަތެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ހިތާބު ނިންމަވާލައްވާފައި ވަނީ ދިވެހީންގެ އުޖާލާ މުސްތަގްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ބަރަކާތްލެއްވުން އެދި ދުއާ ދަންނަވަމުންނެވެ.