ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، 1446 ވަނަ އިސްލާމީ އައު އަހަރު އައުމުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ރައީސް ފޮނުއްވި މެސެޖުގައި، މި އައު އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަހުންނާއި އުހުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދެއްވުމަށާއި، ހާއްސަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާތްاللهގެ ރަޙްމަތާއި ބަރަކާތް ލެއްވުން އެދި އެމަނިކުފާނު ދުއާ ދަންނަވާފައިވެއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، މާތްالله، އިސްލާމީ އުންމަތުގެ ސުލްހަ މަސަލަސްކަމާއި އެއްބައިވަންތަކަމާއި އުފާ ފާގަތިކަމަށްޓަކައި ގައުމުތަކުގެ ގުޅުން ވަރުގަދަކުރެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.