މި ގައުމަށް ތަކާވަރަށް ނުވަތަ މި ގައުމަށް ހެޔޮވަރުވަރަށް ގައުމުގެ ނިޒާމު ބައްޓަންކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ޕީ.އެން.ސީ ޖަގަހައިގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ސިޔާސީ ދުސްތޫރީ ނިޒާމް ބައްޓަންވެފައި އޮންނަގޮތުން ވަރަށް ގިނަ އިންތިހާބުތައް ރާއްޖޭގައި އޮންނަކަމަށެވެ. އަދި އިންތިހާބުތަކަކީ ހަރަދު ބޮޑުކަމެއްކަމުގައި ފާހަގަކުރައްވައި، އެކަން ރައްޔިތުންނަށް އެންމެ ފައިދާހުރި، ފަސޭހަ، އަދި އެންމެ ދެކޮޅުޖެހޭނެ ގޮތެއްގައި ޒިންމާދާރުކޮށް ކުރިއަށް ގެންދެވޭނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ކުރިއަށް ގެންދިއުމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ދެ އިންހާބު އެކުގައި ބޭއްވުމުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމުގައި ވިދާޅުވެ، އެކަން ކުރުމަށްޓަކައި ގާނޫނަށް ގެންނަށްޖެހޭ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމަނިކުފާނު ނިންމަވާފައިވާކަމުގައި ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި ގައުމުގެ ކަންކަން ހިންގުމަށް ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހޮވަނީ އެންމެ މީހެއް ކަމަށެވެ. އެހެންކަމުން ރަށެއްގެ ރައްޔިތުންގެ ކަންކަން ހުށަހެޅުމަށްވެސް ކައުންސިލްތަކުގައި މާގިނަ މީހުން ތިބުމަކީ ވަރަށް ހަރަދު ބޮޑުކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ރައްޔިތުންގެ ފަރާތުން ކަންކަން ހުށަހެޅުމަށް ކައުންސިލްގެ ރައީސްއަކާއި ނައިބު ރައީސްއެއް ތިބުމުން އާބާދީގެ ގޮތުން ކުޑަ ރަށްތަކަށް ފުދޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.