ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ ސައިޒުވެސް ކުޑަކުރުމަށް ގާނޫނުތަކަށް އިސްލާހު ހުށަޅުއްވާނެ ކަމުގައި ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅު ރޭ ޕީއެންސީގެ ހަރުގޭގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އާބާދީ ގޮތުން އެއަށް ވުރެ ބޮޑު ރަށްރަށަށާއި ސިޓީ ކައުންސިލް ތަކަށް އެއަށްވުރެ ގިނަ މެންބަރުން ހަމަޖެއްސުމުން ރައްޔިތުންގެ ވިންދާއި އެންމެ ގުޅޭ އެކަށީގެންވާ އަދި ސައިޒުންވެސް އެންމެ ރަނގަޅު މިންވަރަކަށް ވާނެކަމަށާއި އެހެންކަމުން ކައުންސިލްތަކަށް މި އިސްލާހު ގެނައުމަށްވެސް ހުށަހަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިކަމުގެ ސަބަބުންވެސް އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެކަމުގައި ފާހަގަކުރައްވައި އެ ފައިސާއިން ރައްޔިތުންނަށް ހަގީގީ މާނާގައި ތަރައްގީގެނައުމަށް މަގުފަހިކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލް އުފައްދާ ގޮތްވެސް ބަދަލުކޮށް އެކަންވެސް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކުރުމަށް ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސައިޒުވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތްވަރަށް 77 ވުރެ ގިނަ ނުވާ މިންގަނޑެއްގައި ހިފެހެއްޓުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުގެ ރިކަރަންޓް ބަޖެޓުން ރައްޔިތުންގެ މަޖިލީހަށް ކުރަންޖެހޭ ހަރަދުވެސް ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން އުފައްދަވާފައި ހުރި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމަށްވެސް ގާނޫނީ އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެކަން އެމަނިކުފާނު ވަނީ މިރޭ ހާމަކުރައްވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ ފައިސާވެސް ހޯދަންޖެހޭކަމަށެވެ. އެގޮތުން، ކޮރަޕްޝަންގެ އަމަލު ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ހަގީގީ އިހުލާސްތެރި ގޮތެއްގައި ބަލައި އެ އެސެޓްތައް ރިކަވަރ ކުރެވެންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެކަމަށްޓަކައި އެސެޓް ރިކަވަރީ ގާނޫނެއް މަޖިލީހަށް ހުށަހަޅުއްވާނެކަން ފާހަގަކުރައްވާ މި ހުރިހާ ކަމަކުން ރާއްޖޭގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރެވި، އެކަމުގެ އުފާ ފާގަތިކަން ރައްޔިތުންނަށް ލިބޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އަވަސްކުރޭ ބްރޯ ތިއީ މިހާރު ބޮޑު ބޮލުގައި ރިހުމަކަށްވެފައިވާ ކަމެއް