8 ވަނަ ބައި
މަޑުމަޑުން ފާޒިލްގެ ކޮނޑުގައި އިނގިލި ޖައްސައިލިއެވެ. އެވަރުން ފާޒިލް ހޭނުލެވުމުން ފާޒިލްގެ ނަމުން ގޮވައިލިއެވެ.
"ފާޒިލް!" ފާޒިލްއަށް ހީވީ ކޮންމެވެސް ގާތް މީހަކު ވަރަށް ލޯބިން އެނަން ކިޔައިލިހެންނެވެ. ދެވަނަ ފަހަރަކު ނަވާރު ގޮވައިލުމުގެ ކުރިން ފާޒިލް މަޑުމަޑުން ލޯހުޅުވައި ބަލައިލިއެވެ.
އެއީ ނަވާރުކަން އެނގުމުން ފާޒިލްއަށް އިންގޮނޑިން ފުންމައިގެން ތެދު ވެވުނެވެ. ނަވާރު ކުޑަކޮށް އެއް ފަރާތަކަށް ޖެހިލިއެވެ. ދެން ދިޔައީ ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެ ދިޔަ ވަގުތުކޮޅެކެވެ.
ނަވާރާ އިސްވެ ވާހަކަ ދެއްކުން ފާޒިލްއަށް އުނދަގުލެވެ. އެހެންކަމުން އިރުކޮޅަކުން ގޮނޑިއަށް އިޝާރާތް ކޮށްލުމަށްފަހު ނަވާރަށްް ގޮނޑި ދީފައި ފާޒިލް އެއްފަރާތަކަށް ޖެހިލިއެވެ.
"އަހަރެން މަޑުކުރާނަން! ފާޒިލް ދާންވީނު ނިދަން!"
ފުރަތަމަ ފަހަރަށް މަޑުމައިތިރިކަމާ އަޅާލުން އެއަޑުން ފާޒިލްއަށް ފާހަގަ ކުރެވުނެވެ. ފާޒިލްއަށް ބަލައިލެވުނީ ނަވާރަށެވެ. ނަވާރު މަޑުމަޑުން ބޯ ޖައިލިއެވެ. އަދި ފާޒިލްގެ ފޯނު ކޮބައިތޯ އަހައިލިއެވެ. ފާޒިލް ޖިންސްގެ ޖީބުން ފޯނު ނަގައި ދައްކައިލިއެވެ.
ނަވާރު އަތް ދިއްކޮށްލީ ފޯނު އަތުލުމަށެވެ. އެ އިޝާރާތް ވިސްނުމުން ފާޒިލްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެހެންނަމަވެސް ނަވާރު އަތަށް ފާޒިލް ފޯނު ދީފިއެވެ.
"ޕާސްވޯޑް!" ނަވާރުގެ އަތުގައި ފޯނުބާއްވާފަ ފާޒިލް ފޯނުގެ ޕާސްވޯޑް ޖަހައިދިނެވެ. ނަވާރު އެ ފޯނު ހުޅުވައިލާ ނަވާރުގެ ނަމްބަރ ފޯނުގައި ޖެހުމަށްފަހު ފާޒިލް އަތަށް ފޯނު ދީފިއެވެ.
"ތޭންކްސް! އެއްވެސް ކަމެއް ބޭނުންވެއްޖިއްޔާ ގުޅާތި! އަހަންނަށް ހީވަނީ.... އިރުކޮޅަކުން ފޮނުވާލާނެހެން! ކަބަޑްގައި ހުންނާނެ ހުރިހާ އެއްޗެއް ވެސް!" ފާޒިލް ހިނގައިގަތެވެ. ނަވާރު ފަސް އެނބުރި ބަލައިއިރު ފާޒިލް ގޮސް ލޯމަތިން ގެއްލެނީއެވެ.
ޑޮކްޓަރ ދުރުވެ އައިޝާ ގެއަށް ދޫކޮށްލީ ހެއްދި ޓެސްތްތަކުގެ ނަތީޖާއިން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނުފެނުމުންނެވެ. އައިޝާ ގޮވައިގެން ނަވާރު ގެއަށްގޮސް ފުރަތަމަ ދިޔައީ ނަވާރުގެ ކޮޓަރިއަށެވެ. އެހެންނަމަވެސް އައިޝާ ބޭނުންވީ އޭނަގެ އަމިއްލަ ކޮޓަރިއަށް ދިއުމަށެވެ. އެހާ ބަލިކޮށްހުއްޓާ އިތުރަށް އައިޝާއަށް ވިސްނައިދީގެން ކޮޓަރީގައި މަޑުކުރުވާކަށް ނަވާރަކަށް ނުކެރުނެވެ. އެކުއްޖާ އާނއެކޭ ބުންޏަސް ހިތުގައި ޖެހިދާނެތީއެވެ.
އައިޝާގެ އިނގިލީގައި ހިފައިގެން ނަވާރު ގޮސް އެ ކޮޓަރި ހުޅުވައިލިއެވެ. އެއަށްފަހު ކޮޓަރީގެ ދޮރުމަތީ މަޑުކޮށްލިއެވެ. ފާޒިލްއަށް ނިދިފައި އޮތުމުންނެވެ. އައިޝާ އެ ގޮތަކަށް ނުރުހުނެވެ. ނަވާރުގެ އަތުގައި ހިފައި ދަމައިގަތެވެ. ނަވާރަކަށް ދެކޮޅުހަދާކަށް ނުކެރުނެވެ. އައިޝާއާ އެކު ހިނގާލާފަ ނަވާރު ވެސް ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. އައިޝާ މަޑުކުރީ ފާޒިލްގެ އެނދު ކައިރީގައެވެ. އައިޝާގެ އިނގިލިން ދޫކޮށްލުމަށްފަހު ދެއަތް ދެއަތާ އުނގުޅަމުން ގޮސް ނަވާރު އިށީނީ އައިޝާގެ އެނދުގައެވެ. ދެން އައިޝާގެ ހަރަކާތްތަކަށް ބަލައިލިއެވެ. އަިއޝާ އަރާ އޮށޯތީގެ ފާޒިލްގެ މަގަތުން އެ އެނދުގައެވެ. މިތަން ފެނުމުން ނަވާރަށް ވަރަށް އަސަރުކުރިއެވެ. އެއިން އެނގެނީ އެކުއްޖާ ކޮންމެވެސް މީހެއްގެ އަޅާލުމާ ލޯތްބާ ގާތްކަމަށް އެދޭ މިންވަރެވެ.
އައިޝާ އޮށޯތުމުން ކަންނޭނގެއެވެ. އުޑުތިލަމަތިން މޭމާއްޗަށް ދެ އަތް ހުރަސްކޮށްގެން އޮތް ފާޒިލް ކުޑަކޮށް ހަރަކާތް ކޮށްލާފައި ދެ ލޯހުޅުވައިލއިެވެ. އަދި ކައިރީގައި މީހަކުއޮތްކަމަށް އިހުސާސްވެ ފުންމައިގެން ތެދުވެއްޖެއެވެ. އެވަގުތު ފާޒިލްއަށް ފެނުނީ އައިޝާ ދެލޯ ބޮޑުކޮށްގެން ފާޒިލްއަށް ބަލަހައްޓައިގެން އޮތްތަނެވެ."ޑެޑީ!"
"ޑެޑީގެ އައިޝާ!... ކޮއްކޮ ކޮންއިރަކު އައީ!... ކޮބާ... ކޮބާ! ނަވާ... !" އައިޝާ ގެނެސް އުނގަށްލަމުން ވާހަކަ ދައްކަން ފެށި ފާޒިލް ހުއްޓައިލިއެވެ. ނަވާރު ކުރިމަތީ ފާޒިލްއަށް ބަލަަހައްޓައިގެން އިންތަން ފެނުމުންނެވެ. ފާޒިލް ނަވާރު ކޮބައިތޯ އެހި އަޑު އިވުމުން ނަވާރުގެ ނަޒަރު ދުރަށް ހުއްޓައިލާ ނުދެނެހުރިކަމަށް ހަދައިލިއެވެ. ނުވަތަ ފާޒިލްއަށް ދައްކަން ބޭނުންވަނީ ފަރުވާލެއް ނެތްކަން ކަންނޭނގެއެވެ.
ނަވާރުު ކުރިމަތީ އެހެން އިންތަން ފެނުމުން ޓީޝާޓެއް ނުލާ ހުސް ސޯޓްބުރީގައި އިން ފާޒިލް ލަދުގަތެވެ. އެހެންކަމުން އައިޝާ ނަގާ އެއްފަރާތެއްގައި ބައިންދަމުން ތެދުވެ ޓީޝާޓެއް ބޮލުން ވައްޓައިލިއެވެ.
އަދި ދެން އަނެއްކާވެސް އައިޝާ ކައިރީ އެނދުގައި އިށީނެވެ. އެނދުން ބޭރަށް ދެފައި އެލުވާލައިގެންނެވެ.
"ކޮއްކޮ ކިހިނެއް މިހާރު! އޯކޭ ދޯ!" އައިޝާގެ ނިތްކުރީގައި އަތް ޖައްސައިލަމުން ފާޒިލް ސުވާލުކުރިއެވެ. އެކަމަކު ބަލަހައްޓައިގެން އިނީ ނަވާރަށެވެ.
"އައިޝާގެ ބޭސްކޮތަޅު ގެނެސްދޭނަން! ... އަހަރެން ކޮޓަރީގައި ހުރީ! ... އިރުކޮޅެއް ކުރިން ކުޑަ ނޫޑްލްސް ކޮޅެއް ކައިގެން އެ އިނީ!" ނަވާރު ހިނގައިގަތީ ބައެއް މައުލޫމާތު ހިއްސާކުރުމަށްފަހު އެ ކޮޓަރިން ނިކުންނާށެވެ.
"ނަވާ!" ފާޒިލް ނަވާރަށް ގޮވައިލިއެވެ.
"ނަވާރު!" ނަވާރު އަނެއްކާވެސް ފާޒިލްއަށް އޭނަގެ ނަން ހަނދާންކޮށްދިނެވެ.
"އޯކޭ ... ނަވާރު!... އަހަރެން ބޭނުން ނަވާރާ ވަރަށް މުހިންމު ވާހަކައެއް ހިއްސާކުރަން! ވަގުތުކޮޅެއް ދެވިދާނެތަ!" ނަވާރު ވާހަކަ ދެއްކިގޮތުން ހިތްހަމަ ނުޖެހުނަސް އެކަން ފާޅުނުކޮށް ފާޒިލް ވާހަކަ ދެއްކިއެވެ.
'ކޮންކަހަލަ!..." ނަވާރު ކުރީ ސުވާލެކެވެ.
"އެ ދުވަހު އަހަރެން އަތަށް އެ ދުވެފައި އައި މީހާ އެކޮތަޅުތައް ދިން ތަން ނަވާރަށް ފެނުނު ވާހަކަ... ނަވާރު ދުށީމެންނު އެތަން!" ފާޒިލް ހުރީ ޖެހިލުންވެފައެވެ. ނަވާރު ދޭނެ ޖަވާބެއް ނޭނގިދާނެތީއެވެ. އިރުޝާދާ ފާޒިލްއާ ދެމެދު ވެވެނު އެއްބަސްވުން ފުރިހަމަ ވާން އޮތީ ނަވާރުގެ އެއްބާރުލުން ލިބިގެންކަމަށްވާތީ ނަވާރުގެ ޖަވާބެއް ފާޒިލްއަށް ވަރަށް މުހިންމެވެ.
'އަހަންނެއް ނުދެކެން!" ފަރުވާކުޑަގޮތަކަށް ޖަވާބު ދިނުމަށްފަހު ނަވާރު ދޮރު ހުޅުވައިލިއެވެ. ފާޒިލްއަށް ދެފިޔަވަޅެއް ވަރު ކުރިއަށް ޖެހިލާ ހިފުނީ ނަވާރުގެ އަތުގައެވެ.
"ނަވާ! ޕްލީޒް، މިއީ އައިޝާގެ ވެސް އަދި އަހަރެންގެ ވެސް މުޅި ދިރިއުޅުމާ ގުޅިފައިވާ މައްސަލައެއް! ހަމަ އެކަނި ނަވާ ތިމަންނަ ދުށީމޭ ބުނެލީމަ އެ ނިމުނީ!" ފާޒިލް އާދޭސް ކުރިއެވެ.
"އަހަރެންގެ އަތުން ދޫކޮށްލާ!" ނަވާރު ދެއްކީ އެހެން ވާހަކައެކެވެ. ފާޒިލް ވަގުތުން ނަވާރުގެ އަތް މިނިވަންކޮށްދިނެވެ. ނަވާރު ހިނގައިގަތެވެ. އެހެންނަމަވެސް ދޮރު ލައްޕައިލުމުގެ ކުރިން ބުންޏެވެ.
"އަހަރެން ވިސްނާނަން!" ނަވާރު ދިޔައީއެވެ. އޭގެ ކުރިން ނަވާރާ ދިމާއަށް ބަލަހައްޓައިގެން އިން އައިޝާއަށް ހަނާއަޅައިލާ ހިނިތުންވެލިއެވެ.
ފާޒިލް ހުރި ގޮތަށް ހުރީއެވެ. ގަނޑުވެފައެވެ. އެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. މާޔޫސްކަމެވެ. މިކަމުން ސަލާމަތްވާން އޮތް ހަމައެކަނި މަގު ހަނިވެގެން އައިތަން ހަމަ ލޮލަށް ފެނުމުންނެވެ.
ފަހުދުވަހު ނަވާރު އުޅުނީ ވަރަށް އަވަދިނެތިއެވެ. ވަޒީފާ ހަމަޖެހިގެން އައުމުން އޭގެ ކުރިން ނިންމަން ޖެހޭ ބައެއްކަހަލަ ކަންކަން ނިންމުމާ އަމިއްލަ ޒާތީ ބައެއް ކަންކަން ހަމައަކަށް އެޅުވުމަށެވެ. ގޭތެރެއަށް ގަންނަން ޖެހޭ ބައެއް ތަކެތި ގަތުމަށާ އަދި އެހެން ތަނަކުން ބަދިގެއާ އެކު ހުރި އެޕާޓްމެންޓެއް ވެސް ލިބޭތޯ މަސައްކަތް ފެށިއެވެ. އެއީ އަމިއްލައިން ކައްކަން ބޭނުންވާ ވަގުތުވެސް ކާއްކާލެވޭނީ އޭރުންނެވެ. ނަވާރަކީ އިޤުތިސާދުކުރުމުގެ އާދަ ހަރުލާފައިވާ ކުއްޖަކަށްވާތީ ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ ނަވާރު ނުކުރެއެވެ. އަނެއްކޮޅުން މަންމަ ވެސް މާލެ ގެނެސް ނަވާރު ކައިރީ ބަހައްޓަން ނަވާރު ބޭނުމެވެ. ފައިސާއިން ތާށިކަން ކެނޑުމުން ދެ ކޮޓަރީގެ ތަނެއް ހިފުމަށް ވެސް ނަވާރުގެ ވިސްނުން ހުއްޓެވެ. މަންމަ އަބަދު ބަލިވެ އުޅޭއިރު ރަނގަޅު ސިއްޙީ ފަރުވާ ލިބެން ނެތްތަނެއްގައިި އެ އުމުރުގައި މަންމަ ބަހައްޓާކަށް ނަވާރަކަށް ނުކެރޭނެއެވެ. އެއަށްވުރެ މަންމަ ނަވާރުމެނަށްޓަކައި ވި ޤުރުބާނީ މާބޮޑެވެ.
މިހުރިހާ ކަމަކަށް ވިސްނުން ބެހެއްޓިއަސް އެހެންކަމަކަށް ވެސް ނަވާރު ޚިޔާލުހިންގިއެވެ. އެ ދުވަސް ނިމި އެރެއަށް ދުނިޔެ ތަން ދިނުމުން ނަވާރު ނިންމީ ފާޒިލްއަށް ގުޅުމަށެވެ. އެ ދުވަހު އެއްފަހަރުވެސް ނަވާރަކަށް އައިޝާ ދެކޭކަށް ނާދެވެއެވެ. ބޮޑަށް ގުޅަން ބޭނުންވީ އެހެންވެއެވެ.
"ހެލޯ!" ހައިރާންކަން އެ އަޑުގައި އެކުލެވިފައި ހުއްޓެވެ. ކުރީ ދުވަހު ނަވާރު ކަންކުރިގޮތުން ކިތަންމެ ހިތްހަމަ ނުޖެހި އަދި ލަދުގަނެފައި ހުއްޓަސް ފާޒިލް އެކަން އަޑުން ނާންގައި ވޭތޯ ބެއްޔެވެ.
"އައިޝާ ކޮބާ! ނިދީތަ!" އެ އަޑު ކުރީ ދުވަހާ ވަރަށް ތަފާތެވެ. ނަވާރުގެ ވާހަކަ ދެއްކުމާމެދު ފާޒިލް ހުރީ ހައިރާން ވެފައެވެ.
"ނިދަން އޮށޯވެ! އަދި ނުނިދޭ!" ފާޒިލް މަޑުމަޑުން ބުންޏެވެ.
"އެބަދަން! ބުނޭ ނަވާދައްތަ އެބަ އާދެޔޭ!" އެ އަޑުގައިވަނީ ލޯތްބެވެ. އެއީ ފާޒިލްއަށް ހީވިގޮތެއް ނޫނެވެ.
ބައެއްކަންކަން ބޭނުންވި ގޮތަށް ހަމަޖެހި އަދި އަނެއްބައި ކަންކަން ހަމަޖެހެމުންދާތީ ނަވާރު ހުރީ އާދަޔާޚިލާފަށް އުފާވެ ހަމަޖެހިފައެވެ. ފާޒިލްއަށް ގުޅުމުގެ ޚިޔާލު އައީ ވެސް އެހެންވެ ކަމަށް ވެދާނެއެވެ. ނަވާރު ނިކުތީ ދެވަނަ ފަންގެފިލާއަށް އައިޝާ ދެކިލުމަށް ދިއުމަށެވެ. ނިދުމުގެ ކުރިން އެކުއްޖާ ދެކޭހިތް މާބޮޑަށް ވާތީއެވެ. ދެވަނަ ފަންގިފިލާއަށް ލިފްޓް މަޑުކުރިތަނާ ފޯނުރިންގްވެގެން ނަވާރު ބަލައިލިއެވެ. ގުޅަނީ މަންމައެވެ. އައިޝާ ނިދުމުގެ ކުރިން އެކޮޓަރިއަށް ވަންނަން ވެސް ނަވާރު ބޭނުމެވެ. ފޯނު ނުނަގައިފިއްޔާ ދެން ގުޅާއިރަކުން މަންމަ ނިދާފާނެއެވެ. އެހެންކަމުން އިސްކަން ދިނީ މަންމައަށެވެ. މަންމަގެ އަޑުއިވުމުން އެކަނިވެސް ނަވާރުގެ މުޅި ރޭގަނޑު އުޖާލާވެގެން އައެވެ. އެކަހަލަ ކޮންމެ ވަގުތަކު ހިތަށް ލިބެނީ ބަޔާންކުރަން ނޭނގޭ ރޫޙީ އުފަލެކެވެ. ނަވާރު ވެސް ދުވަހީ ބައެއް މައުލޫމާތު މަންމައާ ޙިއްސާކުރުމަށްފަހު ފޯނު ބޭއްވިއިރު އައިޝާގެ މައްޗަކުން ހަނދާނެއް ވެސް ނެތެވެ. އޭރު ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ހިނގައިފިއެވެ. އެހެންކަމުން ހަރަކާތް އަވަސްކޮށްލާ އެކޮޓަރީގައި ޓަކިޖަހައިލިއެވެ. މާގިނަަ ވަގުތެއް ހޭދަކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވިގެން ހިނގައްޖެއެވެ.
ކުރިމަތީ ހުއްޓިހުރި ފާޒިލްއަށް ރުހުމުގެ ނަޒަރަކުން ފުރަތަމަ ފަހަރަށް ނަވާރަށް ބަލައިލެވުނެވެ. އަދި ފާޒިލްގެ މޫނަށް ބަލަހައްޓައިގެން ހުރެ ހިނިތުން ވެލެވުނެވެ. ފާޒިލްއަށް ލިބުނީ ހައިރާންކަމެކެވެ.
ފާޒިލް އުޅުނީ އައިޝާ ނިދައިފި ވާހަކަ ބުނުމަށެވެ. އެހެންނަމަވެސް ފާޒިލްގެ އަތްދަށުން ދެމިގެންކަހަލަ ގޮތަކަށް ނަވާރު އެތެރެއަށް ދެމިގަތެވެ. އެވަގުތު ފާޒިލް އެއް ފަރާތް ވެލިއެވެ.
"އަހަނ! ނިދީތަ! ތަންކޮޅެއް ލަސްވީއޭ..... މަންމަ ގުޅީ!" ނަވާރު ޖެހިލީ ފާޒިލްގެ އެނދާ ކައިރިއަށެވެ. އަދި އައިޝާ ގާތު އެނދުގައި އިށީނެވެ. ފާޒިލްއަށް ލިބުނީ އަނެއްކާވެސް އިތުރު ހައިރާންކަމެކެވެ. އެހެންކަމުން ފާޒިލްއަށް ހުރެވުނީ ނަވާރަށް ބަލަހައްޓައިގެންނެވެ. އެއީ ނަވާރު ދެނަހުރިކަމަކަށް ވެސް ނުވިއެވެ. އެހެންކަމުން ފާޒިލް ކުރިއަށް ޖެހިލާ އައިޝާގެ އެނދުގައި މަޑުމަޑުން އިށީނެވެ. އެހެންނަމަވެސް ނަވާރަށް ސަމާލުކަމެއް ނުދެއެވެ. ނުވަތަ ދޭކަމަކަށް ނެހެދުނެވެ.
"ފާޒިލް!" ނަވާރުގެ އަޑު އިވުމުން ޔަގީނުން ވެސް ފާޒިލްއަށް ސިހުން ލިބުނެވެ. އެހެންނަމަވެސް ހަމަޖެހިލަމުން ފާޒިލް ނަވާރަށް ބަލައިލިއެވެ.
"އަހަރެން މިހިރީ ތައްޔާރަށް... މިބުނީ... މިބުނީ އަހަރެން ދުށް ތަނެއްގެ ވާހަކަ ބުނަން ތައްޔާރަށޭ!" އަނެއްކާވެސް ފާޒިލްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އަނެއްކާ ފާޒިލްއަށް މި ފެންނަނީ ހަގީގަތެއް ބާވައެވެ. ނުވަތަ ހުވަފެނެއްބާވައެވެ. ފާޒިލް އިނީ އެސްފިޔަ ވެސް ޖަހައި ނުލައި ނަވާރަށް ބަލަަހައްޓައިގެންނެވެ.
"ފާޒިލް! އަހަރެން އެބަ ވާހަކަ ދައްކަމޭ!" ނަވާރު ތަންކޮޅެއް ބާރަށް ބުންޏެވެ.
"އަމްމްމް.. އަހަރެން އިރުޝަދާ ވާހަކަ ދައްކާފަ އެބަ ބުނަން ހަދަންވީ ގޮތެއް!" ފާޒިލްއަށް މަޑުމަޑުން ބުނެވުނެވެ.
"އިރުޝާދު!... އެއީ ކާކު!" ނަވާރުގެ ހިތް އަނެއްކާ ވެސް ޝައްކާ ވަހުމުން ފުރިގެން އައެވެ. ހީކުރެވުނީ ފާޒިލްއާ އެކު ޑްރަގް ވިޔަފާރި ކުރާމީީހެއްގެ ވާހަކަ ބުނީކަމަށެވެ.
"އަހަރެންގެ އަހަރެންގެ ބަލާ އިސްމީހާ!" އިންގޮތަށް އިނދެ ފާޒިލް ފިނި ޖަވާބެއްދިނެވެ. އެ އަޑަކުން އެއްވެސް އިހުސާސެއް ނަވާރަކަށް ފާހަގަ އެއް ނުކުރެވުނެވެ. ނަވާރު ހީކުރީ ފާޒިލް އުފަލުން ނަށައިގަންނާނެ ކަމަށެވެ.
މި ދެމީހުން ދެވަންވީ ... ގަދަކަމުން ވިޔަސް
މިވާހަކަ މިހާރު ކިޔާ ހިތްވޭ ގަވާއިދުން ޝާއިޢުކުރަމުން ގެންދާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ.