ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 31 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކް ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މީގެިއތުރުން އެމްޓީސީސީން ބުނީ އެ ބަނދަރުގެ ޕޭވިންގ މަސައްކަތްތަކުގެ 22 ޕަސެންޓްވެސް ވަނީ ނިމިފައިކަމަށެވެ.

މި މަޝްރޫއުގެ ދަށުން:

  • 17,900 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
  • 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 8,400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ނެރު ފުން ކުރުން
  • 583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
  • 316 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • އަދި 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.

މީގެއިތުރުން 20 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 54 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، އެކްސަސް ޕްލެޓްފޯމެއް ހެދުމާއި، 3,863 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އަދި މި މަޝްރޫއަކީ 76.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.