މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ މިސަރުކާރުން ބަލައި، ހައްގު އަދަބު ލިބެން ޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުތައް އެންމެ ބޮޑަށް ކުރެވެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބާއި އެ ކޯޕަރޭޝަނުގެ އޭރުގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތަށެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ބިލެއް އެކުލަވާލާނެކަމަށެވެ. ދައުލަތުން ފައިސާ ހޯދުން އެއީ އެމަނިކުފާނުގެ ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން މިހާރު އެސެޓް ރިކަވަރީ ބިލެއް ޑްރާފްޓު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދައުލަތުގެ މުދާތައް ނަހަމަގޮތުގައި ވިއްކައި، މަންފާ ނެގި މީހުންގެ އަތުން މުދާތައް ހޯދާނެކަމަށެވެ. އަދި އެ މުދަލާއި ފައިސާ ރިކަވަރ ކުރުމަށް ފަހު އޭގައިން ރައްޔިތުންނަށް މަންފާވާނެ މަގު ހޯއްދަވާނެ ކަމަށެވެ.
ވަރަށް ސަޅި. ހިތްވަރު ހުރިއްޔާ މިކަން ކޮށްބަލަ އޭރުން މުއިއްޒުއަށް ދިވެހި ރައްޔިތުން ސަޖިދަޖަހާ ވަރުވާނެ އެއީ ވަރަށް ހިތްވަރު ހުރި މީހަކަށް ނޫނީ ނުވާ ވަރުގެ ކަމެއް. މިހާތަނަށް އެއްވެސް މީހަކަށް ނުކުރެވިފައި އޮތް ކަމެއް.