ހިތުގެ ސާޖަރީތަކަކީ ފުރާނަ ސަލާމަތްކުރުމަށާއި ދުނިޔޭގެ އެތައް މިލިއަން ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް މުހިންމު ސާޖަރީތަކެކެވެ. މިދާއިރާއަށް ގެންނަ އިނޮވޭޝަންތަކުގެ ސަބަބުން މި ޕްރޮސީޖަރތައް ވަރަށް ބޮޑަށް ރައްކާތެރިވެ، ހަރުދަނާވެގެން ހިނގައްޖެއެވެ.

ދާދި ފަހުން ދެވުނު އިންޓަވިއުއެއްގައި، މަޝްހޫރު ހިތުގެ ސަރޖަން ޑރ. ރަޖްނީޝް މަލްހޯތްރާ ވަނީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ހިތުގެ ސަރޖަރީތަކަށް ގެނެސްދޭ ބަދަލުތަކާ ގުޅޭގޮތުން އޭނާގެ ޚިޔާލުތައް ހިއްސާކުރައްވާފައެވެ. މިގޮތުން މި ބަދަލުތަކުގެ ސަބަބުން ސަރޖަރީތައް ވަނީ އިތުރަށް ރައްކާތެރިވެ، އަވަސްވެ އަދި ބަލިމީހުންނަށް ވޭން ނުލިބޭ ގޮތަކަށް ބަދަލުވެފައެވެ. 31 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑރ. މަލްހޯތްރާއަކީ ކިންގް ޖޯޖްގެ މެޑިކަލް ކޮލެޖް އަދި އިންސްޓިޓިއުޓް އޮފް ކާޑިއޮލޮޖީ، ޖީ.އެސް.ވީ.އެމް މެޑިކަލް ކޮލެޖް، ކާންޕޫރުގެ ދަރިވަރެކެވެ. އޭނާގެ ހުނަރުވެރިކަމާއި އިލްމީ ޚިދުމަތްތައް ވަނީ ގައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވިފައެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އަސަރު

ޑރ. މަލްހޯތްރާ ވަނީ ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގައި، ޚާއްޞަކޮށް ހިތުގެ ފަރުވާގެ ދާއިރާގައި އިންގިލާބީ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ

"ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުން ހިތުގެ ސަރޖަނުންނަށް މިހާރު ވަނީ އިތުރަށް ސައްޙަ އަދި އިތުބާރުހުރި ބަލި ދެނެގަތުމުގެ ރިޕޯޓުތައް ހުށަހެޅުމުގެ ފުރުޞަތު ލިބިފައި،" ޑރ. މަލްހޯތްރާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މަލްހޯތްރާ ވިދާޅުވީ، މި ކުރިއެރުންތަކުގެ ސަބަބުން ވަކިވަކި ޕޭޝަންޓުންނަށް ހާއްސަކޮއްފައިވާ ފަރުވާ ހޯދުމަށް މަގުފަހިވެ، ޕޭޝަންޓް މެނޭޖްމަންޓް ވަރަށް ބޮޑަށް ރަނގަޅުވެ، އެޑްވާންސް އިންޓަވެންޝަންތަކާއި ބޭސްތަކުގެ ބޭނުންހިފައި ޕޭޝަންޓުން ގެއްލިފައިވާ އުންމީދުތަށް އަލުން އާކޮއްދެއެވެ.

ހާޓް އަޓޭކްގެ ފަރުވާތައް

ހާޓް އަޓޭކް އާންމުވެފައިވާ މިންވަރާ ބެހޭގޮތުން ވާހަކަދައްކަވަމުން، ޑރ. މަލްހޯތްރާ ވިދާޅުވީ އިންޑިއާގައި އެޑްވާންސްޑް ފަރުވާތައް އިތުރަށް އާންމުވަމުން އަންނަ ކަމަށެވެ.

"ކޮރޮނަރީ އާޓަރީ ބަލީގެ ފަރުވާތައް، މިސާލަކަށް ސްޓެންޓް ލުމާއި، މަދުން ހަށިގަނޑު ކަނޑާ ހަދައިގެން ކުރާ ސަރޖަރީތަކާއި، ރޮބޮޓިކް އެހީގައި ކުރާ ޕްރޮސީޖަރތައް ވަނީ އިތުރަށް ފުރިހަމަވެ، އަވަސްވެ އަދި ރައްކާތެރިވެފައި،" ޑރ. މަލްހޯތްރާ ވިދާޅުވިއެވެ.

މި ފަރުވާތަކާއެކު، ހިތަށް ރަނގަޅު ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުން ފަދަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކަކީ ކުރިމަގުގައި ހާޓް އަޓޭކް ކުރިމަތިވުން ހުއްޓުވުމަށް ވަރަށް މުހިންމު ކަންތައްތަކެއްކަމަށްވެސް ޑރ. މަލްހޯތްރާ ވިދާޅުވިއެވެ.

ކޮލެސްޓްރޯލް ކޮންޓްރޯލްކުރުން

ޑރ. މަލްހޯތްރާ ވަނީ ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމާ ބެހޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. ޚާއްޞަކޮށް އެލް.ޑީ.އެލް ނުވަތަ "ނުބައި" ކޮލެސްޓްރޯލްގެ ވާހަކައެވެ. މިއީ ހިތުގެ ކޮރޮނަރީ އާޓަރީ ބްލޮކްވުމުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ސްޓެޓިންސްއަކީ ހިތުގެ ހަމަލާގެ ރިސްކު ކުޑަކުރުމަށް ފޯރުކޮށްދޭ ރަނގަޅު ބޭހެއް ނަމަވެސް، އަލަށް ތަޢާރަފުވެފައިވާ އިންޖެކްޝަން ބޭސްތަކަކީ ސްޓެޓިންސް ބޭނުންނުކުރެވޭ ނުވަތަ އޭގެ އަސަރު ނުކުރާ ބަލިމީހުންނަށް ލިބޭ އެހެން އޮޕްޝަންތަކެކެވެ.

ހިތުގެ ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ހިތުގެ ސަރޖަރީތަކަށް ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. މިކަމުގެ ސަބަބުން ބަލިމީހުންނަށް އާ އުންމީދުތަކެއް ލިބި، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ ފާހަގަކުރެވޭ ވަރަށް ރަނގަޅުވެފައެވެ. ޑރ. މަލްހޯތްރާގެ ވާހަކަފުޅުތަކުން މިޒަމާނުގެ ޞިއްޙީ ޚިދުމަތްތަކު އާ އީޖާދުތަކުގެ މުހިންމުކަން ހާމަވެގެންދެއެވެ.

-